English Edition
Dhivehi Edition

އައްޑޫގައި ކުރިއަށް ގެންދާ ބޮޑު މަޝްރޫއަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާކުން އެއްބާރުލުން ނުލިބުމަކީ މަޝްރޫއުތަކަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ އެފްކޮންސް އިން އައްޑޫގެ މަގު ހެދުމަށް ގެނެސްފައިވާ ވެހިކަލްތައް ރަޖިސްޓްރީކޮށް ނުދީ، ޓްރާންސޕޯޓް މިނިސްޓްރީން ލަސްކުރަމުންދާ މައްސަލަ އައި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މި މައްސަލަ އާއި ގުޅިގެން ނިޒާރު ވިދާޅުވީ މަގުގެ މަސައްކަތްތަކަށް ގެނެސްފައިވާ 100 އެއްހާ ވެހިކަލް ރަޖިސްޓްރީކޮށްދިނުމަށް، އައްޑޫ ސިޓީ ކައުންސިލުން މިހާތަނަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެތައް ފަހަރެއްގެ މަތިން އެދިފައިވާނެކަމަށެވެ. ” އަނގަބަހުންނާއި ލިޔުމުން ވެސް އެކަން އަވަސްކޮށްދިނުމަށް މިހާރު އެތައް ފަހަރެއްގެ މަތިން އެދިފައިވީ ނަމަވެސް މިނިސްޓްރީން މިކަން ކޮށްދީފައެއް ނުވޭ” ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ މަގު ހެދުމުގެ ބޮޑު މަޝްރޫއަށް ބޭނުންވާ ވެހިކަލް ގެނެސް އައްޑޫގައި ބަހައްޓައިގެން އެތަކެތީގެ ރަޖިސްޓްރީ ނުހެދި ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ޓްރާންސްޕޯޓްގެ އަމަލުތައް ހުރި ގޮތުން މިއީ ސީދާ އައްޑޫގެ ޕްރޮޖެކްޓަކަށް ހުރަސްއެޅުމުގެ އަަމަލެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ އޮތްކަމަށެވެ

އައްޑޫގައި ކުރިއަށް ގެންދާ ބޮޑު މަޝްރޫއަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާކުން އެއްބާރުލުން ނުލިބުމަކީ މަޝްރޫއުތަކަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަން ފާހަގަކުރައްވަމުން ނިޒާރު ވަނީ ގު ހެދުމުގެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށް ނުގެންދެވިދާނެކަމުގެ ކަންބޮޑުވުން އެފްކޮންސް އިން ވެސް ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާކަން ހާމަކުރައްވާފައެވެ.