English Edition
Dhivehi Edition
ސަވާހިލި

ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ބީލަމަށް ލާފައި ވަނިކޮށް، އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސުން ސައްޑޫ ސަވާހިލި ވަކިކުރި މައްސަލަ އަނބުރާ ގެންގޮސް، އެ ރަށް އަލުން ކައުންސިލްގެ ދަށަށް ބަދަލުކޮށްދިނުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ނިޒާރު ވިދާޅުވީ، ކައުންސިލްގެ އިހުތިސާސުން ސަވާހިލި ވަކިކުރި ގޮތާމެދު ކައުންސިލުން ވަރަށް ބޮޑަށް ނުރުހުންވާ ކަމަށެވެ. އަދި އެކަން ސަރުކާރުން ކުރީ ރަސްމީ ވަގުތެއްގައި ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ރޭގަނޑުގެ ވަގުތެއްގައި ސަވާހިލި ކައުންސިލްގެ އިހުތިސާސުން ބޭރުކުރުމަކީ ކައުންސިލަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަވާހިލި ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލީ މި މަހުގެ 19 ވަނަ ދުވަހުއެވެ.ނަމަވެސް، ރައީސް ގަރާރަކުން އެ ރަށް ކައުންސިލްގެ އިހުތިސާސުން ވަކިކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ، ސަވާހިލިއަކީ އައްޑޫގެ ރައްޔިތުންގެ ތަނެއް ކަމަށާއި، އެތަން ތަރައްގީކުރަން އުޅުނީ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ކަމަށެވެ. އެހެންކަމުން އެކަމަށް ސަރުކާރުން ހުރަސްއެޅުމަކީ ސީދާ އައްޑޫ ރައްޔިތުންގެ ތަރައްގީއަށް ހުރަސްއެޅުން ކަމަށް ނިޒާރު ސިފަކުރެއްވިއެވެ.

މީގެއިތުރުން، އެ ރަށް ވަކިކުރީ ސަވާހިލި ތަރައްގީކުރުމަށް ޝައުގުވެރިވެގެން ބައެއް ފަރާތްތަކުން ބިޑް ޑޮކިއުމަންޓްވެސް ގަނެފައި ވަނިކޮށް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި ސަވާހިލި ސަރުކާރަށް ނަގައިގެން ތަރައްގީކޮށްދެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށާއި، ނަމަވެސް އެތަން ކައުންސިލާ ހަވާލުކޮށްފިނަމަ ރައްޔިތުންނަށްޓަކައި ތަރައްގީކޮށްދޭނެކަމުގެ 100 އިންސައްތަ ޔަގީންކަން ދެއްވާ ކަމަށްވެސް މޭޔަރު ނިޒާރު ވިދާޅުވިއެވެ.