މުހައްމަދު ނިޝާން، ސ.ހުޅުދޫ/ އިޝާން އަކީ ހިތްވަރުގަދަ މަސައްކަތްތެރި ޒުވާނެކެވެ. އޭނާގެ ކުޑަ ކުޑަ އާއިލާ ބަލަހައްޓަން އާމްދަނީ އެއް ހޯދުމަށް ކުރަމުން އައި މަސައްކަތަކީ މަސް ވެރިކަމެވެ. ނިޝާން އަކީ އޭނާގެ މި އުމުރާ ހަމަ އަށްވެސް މީގެ ކުރިން އެއްވެސް ބޮޑު ބައްޔަކާ ކުރިމަތި ވެފައިވާ މީހެއްނޫނެވެ.
ނިޝާންގެ ހިތްވަރާއި، މަސައްކަތް ހުއްޓުމަކަށް އައީ ކުއްލިއަކަށް އޭނާ އަށް ދިމާވާން ފެށި ކަމަކުންނެވެ. މިއަހަރު ކުރީކޮޅުން ފެށިގެން ނިޝާންގެ ސިއްޚީ ހާލަތަށް އައި ބަދަލު ކިޔައިދެމުން އޭނާގެ އަނބިމިހާ އާމިނަތު ނާޒިމާ ބުނީ، އެނާގެ ފިރިމީހާ ދާދި ފަހަކުން ނޭވާ ހާސްވާން ފެށީކަމަށެވެ. ބުރަ މަސައްކަތެއް ކޮށްލާއިރަށް ނޭވާ ހާސްވަނީ އެވެ. އަދި ކާއެއްޗެއް ކެއުމުންވެސް ނޭވާ ހާސްވާކަމަށް ފާހަގަވާ ކަމަށް ނާޒިމާ ބުންޏެވެ. ނާޒިމާ ބުނީ އޭނާގެ ފިރިމީހާ އަކީ ހަށިގަނޑުން ވަރުގަދަ މީހެއްނަމަވެސް ނޭވާ ހާސްވުމާއި ގުޅިގެން މިހާރު ކާއެއްޗެއް ރަނގަޅަށް އޭނާ އަށް ނުކެވޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
ނިޝާންގެ ބަލި ދަނެގަތުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުންނާއި ފޭދޫ އެއިމްސް ކްލިނިކުން ވަނީ ޓެސްޓްތައް ހަދައި ބަލި ދަނެގަނެވިފައެވެ. ނިޝާންގެ ބައްޔަކީ ” ހިޓަސް ހާރނިއާ ހިލްސް ގަރޭޑް 3 ވިތް ބައިލް ރިފްލަކްސް” އެވެ. ނިޝާންގެ ގޮހޮރާއި ގުޅިފައިވާ ކާނާ ދަތުރުކުރާ ހޮޅީގައި މަސްކޮޅެއް އުފެދި ވަނީ ދުޅަވެފައެވެ. އަދި ބަނޑުގެ ސްކޭނުން “ޕްރޮސްޓެޓިކް ސިސްޓް” އެއް އިންކަން ވަނީ އެނގިފައެވެ.
ޑޮކްޓަރުން ބުނެފައި ވަނީ ވީހާވެސް އަވަހަށް ނިޝާންގެ އޮޕްރޭޝަނެއް ކުރުމަށެވެ. މި އޮޕްރޭޝަން ލެޕްރޮސްކޯޕިކް ކޮށް ރާއްޖެއިން ކުރެވެން ނެތް ކަމަށް އަ.އި.ޖީ.އެމް ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުން މި އޮޕަރޭޝަން ކުރެވޭނެ ކަމަށް ބުނަނީ އޮޕެން ސާރޖަރީ އެއްގޮތަށެވެ. ނަމަވެސް އާއިލާ އިން ބޭނުންވަނީ މި ސާޖަރީ ލެޕްރޮސްކޯޕިކް ކޮށް ކުރުމަށެވެ. ނާޒިމާ ބުނީ އިންޑިއާގެ ހޮސްޕިޓަލް ތަކުން ބެލި ބެލުމުން މި ސާޖަރީ އަށް 4000ޑޮލަރު އަރާކަމަށެވެ. އަދި މިއީ ހަމަ އެކަނި ސާޖަރީ އަށް ހޭދަވާނެ ހަރަދު ކަމަށް ބުނާއިރު އިންޑިއާ އަށްގޮސް ހަދަން ޖެހޭ ޓެސްޓް ތަކާއި ހުރުމަށް ދަތުރަށް ދާން ހަރަދު ތަކަށް ބަލާއިރު ގިނަ ފައިސާ އެމީހުންނަށް ބޭނުން ވެއެވެ.
ނާޒިމާ ބުނީ ރާއްޖެއިން އޮޕެންކޮށް މިސާޖަރީ ކުރެވެން އޮތް ކަމަށް ބުނެ އާސަންދަ އިންނާއި އެންސްޕާ އިން މުޅި ހަރަދު ހަމަނުޖެހުނު ކަމަށާއި ނަމަވެސް 500ޑޮލަރުގެ އެހީ އެއް ދީފައިވާ ކަމަށެވެ.
ނާޒިމާގެ މި ކުޑަ ކުޑަ އާއިލާގެ މައި ތަނބު ކަމަށްވާ ނިޝާން ބަލިން އަވަހަށް ސަލާމަތް ވުމަށް އިންޑިއާ އަށް ފުރުމަށް އޮތް ހުރަހަކީ ބޭސްފަރުވާގެ އިތުރުން އިންޑިޔާގައި ތިބުމާއި ކެއުމާއި، އަދި އެނޫންވެސް ޒަރޫރީ ބޭނުންތައް ބެލެހެއްޓޭނެ ތަނަވަސް ކަމެއް އެއާއިލާގައި ނެތުމެވެ. މި އާއިލާއިން އެދެނީ އެހީގެ ކުޑަ މިންވަރެއްވެސް ދެވެން އޮތް ފަރާތެއްނަމަ އެހީވެދިނުމަށެވެ. އަދި އެހީވެވެން ނެތްނަމަ ނިޝާން އަށް ހެޔޮދުއާ ކޮށްދިނުމެވެ.
ނިޝާންގެ ބަލިހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7484050 (ނާޒިމާ) އަދި 7707566 (މުހައްމަދު ނިޝާން) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް އާމިނަތު ނާޒިމާ (ނިޝާންގެ އަނބިމީހާ) އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އާއިލާއިން އެދެއެވެ.
ފައިސާ އެކައުންޓް ނަންބަރު: 7716469353101
ޑޮލަރ އެކައުންޓް: 7730000528262
އެކައުންޓް ނަން: އާމިނަތު ނާޒިމާ
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)