English Edition
Dhivehi Edition

ބަންކަރިން ޚިދުމަތަށް ގެނައި ބޯޓު ޚިދުމަތް ނުދެވި ބޯޓުގައި ފެހި ޖަހަމުންދާ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ދާދިފަހުން އެމްޑީޕީން އަތޮޅު ތެރެއަށް ކުރި ދަތުރުގައި އިހަވަންދިއްޕޮޅު ގައި ބަންކަރިން ހިދުމަތް ދެމުންދާ ގޮތާއި އާއްމުން އެކަމާއި މެދު ދެކޭ ގޮތް ވަރަށް ކައިރިން ދެކެވަޑައިގެންފައިވާ ކަމަށެވެ.

“މިހާތަނަށް އެތަނަށް އައީ އެންމެ އުޅަނދެއް. އެ އުޅަނދުވެސް އައީ ކްރޫއަކު ބަދަލުކުރުމަށް . ބޭރުގެ އާގު ބޯޓުފަހަރަށް ތެޔޮ އެޅުމާއި ސާވިސް ދިނުމަށް ހިންގަން ނިންމާފައިވާ އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު އަކީ ފައިދާވާ ވިޔަފާރި އެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް” ނާޒިލު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅު ގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުގައެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ދެ ބޯޓު ގެނެސްފައެވެ. އެއީ 3,258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3,929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

ބަންކަރިންގ ޚިދުމަތުގެ އިތުރުން، ފަޅުވެރިން ބަދަލުކުރުމާއި، ޕްރޮވިޝަން އަދި ޝިޕް ސްޓޯސް ފޯރުކޮށްދިނުމާއި، ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ އިތުރު ޚިދުމަތްތައްވެސް ދެވޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުން ބުނެފައިވަނީ ބަންކަރިންގެ ހިދުމަތް ފެށި ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ކަމަށެވެ.