އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދު ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ނާޒިލު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އަދި ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށް ފެނަކައިން ދެމުންދާ ސާފު ފެން ނުލިބޭތީ ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށެވެ. އިތުރަށް އެ މައްސަލައިގައި ބުނެފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، މަރަދޫފޭދޫ ރައްޔިތުންނަށް ފެނަކައިން ފޯރުކޮށްދެމުންދިޔަ ސާފު ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރައި ރައްޔިތުން އެތައް ތަކުލީފްތަކަކާއި ކުރިމަތިވަމުންދާ ކަން ނާޒިލު ވަނީ ފާހަގަކުރައްވާފައެވެ.
ފެނަކައިން އެ މައްސަލަ ހައްލުކުރުމަށް ނުކުޅެދިފައިވާކަން ފާހަގަކުރައްވަމުން ނާޒިލް ވިދާޅުވީ އެކަމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިކަން އައްޑޫ ސިޓީ ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެހެންކަމުން ނާޒިލު ވަނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މީހުންނަށް މިހާރު ތަހައްމަލް ކުރަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތް ކަމަށްވާ ސާފު ފެން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ވަގުތުން ވަގުތަށް ހައްލު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހަޅުއްވާކަމަށެވެ.