English Edition
Dhivehi Edition
ކ.ގުރައިދޫ ގައި އެމްޑީޕީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 06 ވަނަ ދުވަހު ދިން ހަމަލާ އާއި ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ކުރިއަށް ދިއުން ލަސްވާތީ އެ މައްސަލަ ކުރިއަށްދާގޮތް މޮނީޓާ ކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ މައްސަލައިގެ ޝަރީއަތްތައް ލަސްވާތީ ކަންބޮޑުވުންފާޅުކޮށް އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭ ހައެއްގެ ހަމަލާއަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއްކަމަށެވެ. ހަމަލާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ މައްޗަށް ދައުވާ އުފުލިތާ އެތައް މަހެއް ވެގެން ދިޔަ އިރު އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގައިކަން އައްބާސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޝަރީއަތްތައް އަވަސްކުރުމަށް އެ މައްސަލައިގައި ދައުވާ ލިބޭ އެންމެންގެ ޝަރީއަތްތައް އެއްކޮށް ކުރިއަށް ގެންދާނެކަން ނުވަތަ ނޫންކަން ވެސް އަދި ސާފު ނުވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

މިދިޔަ އަހަރު މެއި މަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ދައުވާކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދު، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށެވެ. އަދުހަމްގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.