English Edition
Dhivehi Edition
ފޮޓޯ" ގެމަނަފުށި ފެނަކަ

ގއ.ގެމަނަފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ‘ގެމަނަފުށީ ކައުންސިލް ފުޓްސަލް ޓޯރނަމެންޓް 2022’ގެ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާންމުކޮށްފިއެވެ.

މި އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ގެމަނަފުށީގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް އިއުލާންކޮށްފައިވަނީ މި އަހަރު ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. ގެމަނަފުށީ ކައުންސިލުން މި މަހުގެ 06 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މި މުބާރާތް ހަމަހަމަ އުސޫލުން ކުރިއަށް ގެންދިއުމަށްޓަކައި މުބާރާތުގެ ގަވައިދު އިސްލާހުކޮށްފައިވާކަމަށެވެ.

މި ގޮތުން އެ ކައުންސިލުން އާންމުކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ގެމަނަފުށީގެ ޓީމުތަކަށް އެކަނި ކަމަށެވެ. އަދި އެހެން އެއްވެސް ރަށެށްގައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާއަކަށް މި މުބާރާތުގައި ބައިވެރިނުވެވޭނެކަމަށް ވަނީ ބުނެފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ފީއެއް ހުށަހަޅަންޖެހޭ އިރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15000 ރުފިޔާއެވެ،

ގެމަނަފުށީ ކައުންސިލުން ބުނީ މި މުބާރާތުގެ އެންމެ ބޮޑު މަގްސަދަކީ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި ރަށުގައި މޮޅު ކުޅުންތެރިން އުފެއްދުން ކަަމަށެވެ. އަދި ގެމަނަފުށީ ގައި ފުޓްސަލް ކުރިއަރުވައި، އެކި ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ކުޅެވޭނީ 9 ޖެނުވަރީ 2022 ވަނަ ދުވަހާއި ހަމައަށް ގެމަނަފުށީ ރަށްވެހިންގެ ރަޖިސްޓްރީގައިވާ މީހުންނަށާއި އެ ރަށު މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނަށްކަމަށް މުބާރާތުގެ ގަވައިދުގައިވަނީ ބުނެފައެވެ. މީގެ އިތުރުން ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުން އެއް ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ގެމަނަފުށީ ކައުންސިލުން ވަނީ ބުނެފައެވެ،