English Edition
Dhivehi Edition

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 139،555 އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައީ 92،000 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓް އިތުރު އަދަދެކެވެ. އެހެން ނަމަވެސް މިއީ 2020 ވަނަ އަހަރަށް ވުރެ 35 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރުގެ ޖެނުއަރީ މަހު 173،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން ރާއްޖެއަށް 24،464 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 14،276 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންއެވެ، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، ޖަރމަނީ، އިންޑިޔާ، ޔޫކްރެއިން، އިޓަލީއިން އަދި ފްރާންސެވެ.

ރާއްޖޭން ބޭރުގެ 34 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަތުރުކުރާއިރު، އެންމެ ގިނަ ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނި އޭރޯފްލަޓް މެދުވެރިކޮށެވެ.

ކޮވިޑްގެ ކުރިން ރާއްޖެ އަށް ފަތުރުވެރިކަމުގެ ސީޒަން ތެރޭގައި މަހެއްގެ މައްޗަށް އަންނަ ފަތުރުވެރިން އަދަދު 150،000 އަށްވުރެ މަތިވެއެވެ. އެހެން ނަމަވެސް މިދިޔަ އަހަރާއި މި އަހަރު އެކަން ހާސިލެއް ނުވިއެވެ. މިދިޔަ އަހަރުގެ އެ ދުވަސްވަރު ވެގެން ދިޔައީ ކޮވިޑް-19ގެ ބިޔަ ރާޅުގެ ތެރޭގައި ދުނިޔެ އެންމެ ނާޒުކު ހާލަތުގައި އޮތް ދުވަސްވަރެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،143 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ، 167 ރިސޯޓާއި، 819 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީއެވެ. މިއީ 53،942 ބެޑް ކެޕޭސިޓީއެވެ.

ސަރުކާރުގެ މި އަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ.