English Edition
Dhivehi Edition

މިއަހަރުގެ މާރޗް މަހު ތިމާވެށި ހިމާޔަތްކުރުމަށް ޓަކައި ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކުހުގެ ގޮތުގައި 113 މިލިއަން ރުފިޔާ ޖަމާކުރެވިފައިވާކަން ފާހަގަކޮށްފި އެވެ. މިއީ ގްރީން ފަންޑަށް އެއް މަހު ނެގުނު އެންމެ ބޮޑު އަދަދެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގްރީންފަންޑަށް އެންމެ ގިނަ ފައިސާ ޖަމާކޮށްފައިވަނީ ރިސޯޓުތަކުންނެވެ. މި މުއްދަތުގައި ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 102 މިލިއަން ރުފިޔާއެވެ. އަދި ދެވަނައަށް އެންމެ ގިނަ ފައިސާ ޖަމާކޮށްފައިވަނީ ގެސްޓްހައުސްތަކުންނެވެ. އެގޮތުން މާރޗް މަހު ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 6.5 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ސިޓީ ހޮޓާތަކުން މި މުއްދަތުގައި ގްރީން ފަންޑަށް 2.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ސަފާރީ އުޅަނދުފަހަރުން 2.4 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. އަދި ހޯމްސްޓޭތަކުން ލިބިފައިވަނީ 13,952 ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް ގްރީން ފަންޑުން 19 މިލިއަން ރުފިޔާ ވަނީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ އެކި މަޝްރޫޢުތަކަށް ޚަރަދުކޮށްފައެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިޔަކު ޓޫރިސްޓު ފެސިލިޓީތަކުގައި އުޅޭ ކޮންމެ ދުވަހަކަށް ދައްކަންޖެހޭ ޓެކުހެކެވެ. ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ކޮޓަރީގެ އަދަދަށް ބަލައި ފަތުރުވެރިން ދުވާލަކު 3 ނުވަތަ 6 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ.