English Edition
Dhivehi Edition

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ހޯދުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ފުލުހުންގެ ކިބައިގައި އެދިއްޖެއެވެ.

ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، އަސްއަދުގެ މައްޗަށް މިއަދު ފަނަރަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަށް އަސްހަދު ހާޒިރުވެފައި ނުވާއިރު، އޭނާގެ މައްޗަށް އެ ހުކުމް އިއްވީ ޣައިރު ހާޒިރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ވަގުތު އަސްހަދު ހުރީ އިނގިރޭސި ވިލާތުގައެވެ. މިއަދުގެ ހުކުމާއި ގުޅިގެން އަސްހަދު އަދާކުރަމުން ދިޔަ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އޭނާ ވަކިކޮށްފައިވާއިރު، އަސްހަދު ހޯދުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކޮށްފައިވަނިކޮށް އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ދޫކޮށްލީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަމަށް ޑޮކްޓަރު ބުނުމާއި ގުޅިގެންނެވެ. ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

އަލީ ވަހީދުގެ މައްސަލައިގައި އަސްހަދު ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ. އެހެން ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.