މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި، އައްޑޫ މީހަކު 23 އަހަރާއި، 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ސ. މަރަދޫ މީހެއްގެ މައްޗަށެވެ. ދައުލަތުން މިމީހާއާއި ދެކޮޅަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ 24 މާޗް 2019 ގައި މާލެ ނޯތު ހާބަރު ބޭރު ތޮށީގައި އޮތް ރަންދޫ ބޯޓުން މަސްތުވާތަކެތި ހިފައިގެން ފުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކޮށްފައި ވާކަމަށެވެ. އަދި އޭނާ ޗެކު ކުރިއިރު އޭނާގެ ކޮނޑުގައި އަޅުވާފައިވާ ދަބަހެއްގެ ތެރޭގައި އޮތް ކެމަލް ބްރޭންޑުގެ ސިނގިރޭޓު ފޮއްޓެގެ ތެރެއިން ފެނުނު ފިލްމު ހުސްކުރި ދަޅެއްގައި 21.3660 ގްރާމް ކެނެބިސް ހުރިކަމަށް ތަހުލީލު ތަކުން ދައްކާކަމަށެވެ. އެހެންކަމުން ދައުލަތުން އޭނާއާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާ އާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށާއި މި ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މުއްދަތުގައި އޭނާ ޖަލުގައި ހޭދަކޮށްފައިވާ 1 އަހަރާއި 2 މަސް ދުވަސް ހުކުމުން އުނިކުރުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ 23 އަހަރާއި، 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި ޖޫރިމަނާގެ ފައިސާ ޖުލައި 24 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނި ހުކުމް ކޮށްފައެވެ.