English Edition
Dhivehi Edition

ރާއްޖެ ޕޯސްޓް މެދުވެރިކޮށް އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގައި، ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް އައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ހިންގުނު އޮޕަރޭޝަނުގައި، އެ ފޮށިގަނޑު ބަލައި ދިޔަ ފަރާތުގެ ހާޒިރުގައި ކަނޑައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ. އަދި އެ ފޮށިގަނޑު ބަލައި ދިޔަ މީހާގެ އެހީތެރިކަމާ އެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑާ ހަވާލުވާން އައިސްފައި ވަނީ އޭނާ ކަމަށާ، އެދެމީހުންގެ ދެމެދުގައި ފޮށިގަނޑު ބަލައިއައުމަށް މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށް އެ ސީނަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭކަމަށް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން އެ އަމުރުގައިވަނީ، އެވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާއެއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ހުރި ޖުސްޕެޓީ ކޮތަޅެއް ވެސް ވަނީ ފެނިފައިވާކަމަށާ އަދި އޭނާގެ ކުޑަކަމުދާ ތަކެތި ޓީއެޗްސީއަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް އޭނާގެ ފޯނުގެ މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓުން މަސްތުވާތަކެތި ހުރި ޕެކޭޖުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އޭނާ ގުޅާފައިވާކަމަށް މި އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.