English Edition
Dhivehi Edition

އައްޑޫސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ފޭދޫ ޗަސްބިންތައް ހިއްކުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މި މަޝްރޫއު މިހާރު ވެސް އޮތީ ބަޔަކަށް އެވޯޑްކޮށްފައި ކަމަށާއި މަސައްކަތް މިހާރު ވެސް އޮތީ ފަށައި ގަންނަ ހިސާބުގައި ކަމަށެވެ.

” މި މަހުގެ ތެރޭގައި ރަސްމީކޮށް ސަރުކާރުން މަޝްރޫއުގެ އެއްބަސްބުމުގައި ސޮއިކުރާނެ . މީގެ ސަބަބުން އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަމަަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ފަންސާސް އަހަރަށް، ބިމުގެ ދަތިކަން އައްޑު އަށް ނާންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ” މޭޔަރ ނިޒާރު ވިދާޅުވިއެވެ.

އައްޑޫން އަލަށް ހިއްކާ ބިންތަކުން ބޯހިޔާވަހި ކަމަށް ބިންތައް ދޫކުރުމަށް ހަމަޖެހިފައިވާއިރު ނިޒާރު ވިދާޅުވީ އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ހިންގެން އޮތީ ބިމުގެ ދަތިކަން ހައްލުކޮށްގެންކަމަށެވެ.

މި މަޝްރޫގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ 200 ހެކްޓަރު ގެ ބިމެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ހިއްކަން ހަމަޖެހިފައިވާ 90 ހެކްޓަރު، މަރަދޫ އަދި މަރަދޫފޭދޫން 75 ހެކްޓަރު އަދި ހުޅުދު އާއި މީދޫން 38 ހެކްޓަރުގެ ބިމެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓޫރިޒަމަށް އައްޑޫ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއެކެވެ.