އައްޑޫސިޓީ ހިތަދޫއިން ގޯތި ނުދޭތާ 22 އަހަރުފަހުން ހުޅުވާލި ފުރުސަތުގައި ބިން ލިބޭނެކަމަށް ކައުންސިލުން ލިއުން ހަވާލުކުރި 2000 މީހުންގެ ތެރެއިން 1500 މީހުންނަށް އަލަށް ހިއްކި ބިމުން ގޯތި ލިބޭނެކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަނަމަވެސް ބިނާވެށި އެކުލަވާލިއިރު އެކަމަށް ބިން ކަނޑައަޅާފައި ނުވާކަން ހާމަވެއްޖެއެވެ.
މިދިޔަ އަހަރު އައްޑޫއިން ބިން ހިއްކީ އެސިޓީއަށް އެންމެ ބޮޑަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދީ ޝަރުތު ހަމަވާ ހުރިހާ ފަރާތަކަށް ބިން ދޭނެ ކަމުގެ ވަޢުދާއެކުގައެވެ. ކައުންސިލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރ ޢަލީ ނިޒާރުވިދާޅުވީ މިހިނދުން މިހިނދަށް ހިތަދޫގެ ރަށުތެރެއިން 500 ގޯތި ދިނުމަށްފަހު ބާކީ 1500 ގޯތި ބިނާވެށި ނިމުނުހާ އަވަހަކަށް ރައްޔިތުންނާއި ޙަވާލު ކުރައްވާނެ ކަމަށެވެ.
“ކައުންސިލުން މި މަސައްކަތް ޝެރެޓް ސްޓޫޑިއޯއާއި ހަވާލު ކުރާއިރު، މި މަސައްކަތް 3 މަސް ދުވަހުގެ ތެރޭ ނިންމައި ދޭނެ ކަމުގެ ޔަޤީންކަން އެ ފަރާތުން އަރުވާފައިވޭ. އެހެންކަމުން މިމަސައްކަތް ނިމުނުހާ އަވަހަށް ގޯތި ދޫކުރުމުގެ ކަންކަންވެސް ފެށޭނެ. އޭގެ އެންމެ ރަނގަޅު ގޮތަކީ މިހާރު އިއުލާންކޮށްފައިވާ ވަރަށްވުރެ އިތުރަށްވެސް ބިން ދެވޭނެހެން މި ޕްލޭން އެކުލަވާލެވުމުން ބިން ދޫކުރުމުގެ މަސައްކަތް ފެށުން. މޭޔަރ ޢަލީ ނިޒާރު
މޭޔަރ މިހެން ވިދާޅުވި ނަމަވެސް ހިތަދޫއިން ހިއްކާފައިވާ 38.6 ހެކްޓަރުގެ ބިމަކީ ޝަރުތުހަމަވާ މީހުންގެ 40 އިން ސައްތަ މީހުންނަށްވެސް ގޯތި ދެވޭވަރަށްވުރެން ޖާގަ ކުޑަބިމެކެވެ.
އައްޑޫސިޓީގައި ހިއްކާ ނިމިފައިވާ މިބިންތަކުގެ (މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގެ) ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ޝެރެޓް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑުން ރޭ އައްޑޫ ރައްޔިތުންނަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައްޔިތުންވަނީ ބިނާވެށި ޕްލޭންގައި ބިން ހިމަނާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެޕްލޭނާއި ވަރަށްބޮޑަށް ދެކޮޅު ހަދާފައެވެ. ކައުންސިލްމެންބަރުންވެސް ބައިވެރިނުވެ ހަމައެކަނި ރައްޔިތުންނަށް ބޭއްވި އެ ބައްދަލުވުމުގައި ޢާންމުން ބުނަމުން ދިޔައީ ރައްޔިތުންގެ އިޙުސާސްތަކާ ގުޅުންހުރި ބިންހިއްކުމުގެ އެމަޝްރޫޢު ނިމިގެންދާންވާނީ ބިންހިއްކި މަޤުސަދު ހާސިލުވެގެންކަމަށެވެ. ރައްޔިތުންގެ މަޝްވަރާއިން ދެގޮތެއް ރޭ ނިމިގެން ދިޔައެވެ. އެއީ ބިން ލިބޭ މީހުންގެ ތެރެއިން ބިން ބޭނުން މީހުންނާއި ފްލެޓް ބޭނުންވާ މީހުން ވަކިކޮށް، އެގޮތުން ދޫކުރެވޭ ބިމުގެ ޢަދަދު މަދުކޮށްގެން ބިނާވެށީގައި ހައުސިންޔުނިޓާއެކު ބިން ދޫކުރުމަށްވެސް ހިމަނައިދިނުމެވެ.
މިހާރު ޑްރާފްޓް ކޮށްފައިވާ ބިނާވެށި ޕްލޭންގައި ވާގޮތުން ދިރިއުޅުމަށް ޚާއްސަކުރެވިފައިވާ ބިންތައް ހިމެނެނީ 2 ކެޓަގަރީއެއްގައެވެ. އެއީ ރޯހައުސްގެ އިތުރުން 4 އުސްމިނަކަށް ހަދާ ހައުސިން ފްލެޓްތަކެކެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދާރީވަމުން ޝެރެޓް ސްޓޫޑިއޯ އިން ޙުސެއިން ޒިޔަތު ވިދާޅުވީ ހިތަދޫގެ އަލަށް ހިއްކި ސަރަޙައްދު ޕްލޭންކޮށްފައިވަނީ، ހިތަދޫއަކީ އާބާދީ އެންމެ ބޮޑު ރަށަށް ވެފައި ސަރުކާރުގެ އެކި އިދާރާތަކުގެ އޮފީސްތައް ޤާއިމްވެފައިވުމުންނާއި ހިއްކި ސަރަޙައްދާއި ގާތުން އަލަށް ގޯތި ދިން ބިންތައް ތަރައްޤީވަމުން އަންނައިރު ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭނެ ޖާގަ މަދުކަން ފާހަގަ ކުރެއްވޭތީއާއެކު، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރާގޮތަށްކަމަށެވެ. އެގޮތުން ޕްލޭން ކުރެވުނީ ގިނަ ބަޔަކަށް ދިރިއުޅެވޭގޮތަށް އުސް ޢިމާރާތްތައް ނިސްބަތުން ގިނަ ކުރެވި ޓާގެޓް އާބާދީއަށް ބޭނުންވާ ސަޕޯޓިން ޚިދުމަތްތައް ހިމަނައިގެންކަމަށް ޒިއަތު ވިދާޅުވިއެވެ.
ޝެރެޓް ސްޓޫޑިއޯއިން އައްޑޫ ހިއްކިބިމަށް ހުށަހަޅާ ކޮންސެޕްޓް ފާސްކުރެވެނީ ރަށުގެ ޓޮޕޮގްރަފިކް އަދި އިޤްތިސާދީ ، އިޖްތިމާޢީ ރިޕޯޓު ހިމެނޭ ބިނާވެށި ޕްލޭންގެ ޑްރާފްޓް ކައުންސިލަށް ހުށަހަޅައި އޭގެ ފަހުން ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު ފައިނަލް ބިނާވެށި އެކުލަވާލާ ގޮތަށެވެ. މި ޕްލޭންގެ ޑްރާފްޓް ވަނީ ކައުންސިލަށް ހުށަހަޅާފައެވެ. މިހާރު ކުރިއަށްދަނީ ރައްޔިތުންގެ ބައްދަލުވުންތަކެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ދެވަނަ ބައްދަލުވުން އޮންނާނީ ހުކުރު ދުވަހު ހަވީރު މަރަދޫ އިރުޝާދިއްޔާ ސްކޫލްގައެވެ. ޚިޔާލު ހޯދުމުގެ ފަހު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8.00 ގައި އިރުޝާދިއްޔާ ސްކޫލްގައެވެ.