އައްޑޫ ސިޓީ ފޭދޫގައި ހުރި ޗަސްބިންތައް ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އަންގާރަ ދުވަހުގެ ހަވީރު ފޭދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފަައްޓަވައިދެއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި އައްޑޫ މޭޔަރު އަލީ ނިޒާރެވެ.
4 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ފޭދޫގައި އޮތް 14 ޗަސްބިމަކަށް ފަސް އަޅައިގެން ހިއްކާއިރު މި މަސައްކަތް ތިން މަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެވެ.
މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މެމްބަރު ނިހާދު ވިދާޅުވީ ފޭދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މަދިރީގެ ބޮޑު މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފޭދޫގެ ޗަސްބިންތައް ހިއްކުމަކީ އޭނާގެ ކެމްޕޭނުގެ ވައުދެއް ކަމަށެވެ. އަދި އެގޮތުން ފުރަތަމަ މި މަސައްކަތް ފަށަން ރޭވީ ކައުންސިލުގެ ބަޖެޓުން ކަމަށެވެ. ނަމަވެސް ކައުންސިލުގެ ބަޖެޓުން އެކަން ނުކުރެވުނު ކަމަށާއި އެއާއެކު ސަރުކާރުގެ އެހީތެރިކަމާއެކު މިކަން ކުރުމަށް ބަޖެޓުގައި ފައިސާ ހިމެނުނު ކަމަށް ނިހާދު ވިދާޅުވި އެވެ.
“އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިންމާލާނީ ރައްޔިތުން އެދޭ މިންވަރަށް ޗަސްބިންތައް ބެރުމަށްފަހު އަދި މަދިރި ފެކްޓަރީތައް ފޭދޫން ބަންދުކުރުމަށްފަހު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ފޭދޫގައި ހުރި ޗަސްބިންތައް ހިއްކުމުގެ މި މަސައްކަތް ނިންމާލެވޭނެ. ” މެމްބަރު ނިހާދު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. އަދި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު މިހާރު ވެސް އޮތީ ބަޔަކަށް އެވޯޑްކޮށްފައި ކަމަށާއި މަސައްކަތް މިހާރު ވެސް އޮތީ ފަށައި ގަންނަ ހިސާބުގައި ކަމަށް މޭޔަރު ވިދާޅުވިއެވެ.
” މި މަހުގެ ތެރޭގައި ރަސްމީކޮށް ސަރުކާރުން އެ މަޝްރޫއުގެ އެއްބަސްބުމުގައި ސޮއިކުރާނެ . މި މަޝްރޫއުގެ ސަބަބުން އައްޑޫ އަށް ދިމާވެފައިވާ ބިމުގެ ދަތިކަމަަށް ވަރަށް ބޮޑު ހައްލެއް އަންނާނެ” ނިޒާރު ވިދާޅުވިއެވެ.