English Edition
Dhivehi Edition
އައްޑޫގެ މަގެއް ޑިސްއިންފެކްޓް ކުރުމުގައި ސިފައިން ޙަރަކާތތްތެރިވަނީ/ފޮޓޯ އެމްއެންޑީއެފް

 

ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ގެއިން ބޭރައް ނުނިކުތުމަށް އައްޑޫސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ކައުންސިލުން މިއަދު ނެރުނު ބަޔާންގައި ވަނީ ޒަރޫޒީ ބޭނުމަކު ނޫނީ ގެއިން ބޭރަށް ނުދިއުމަށާއި، މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި އަދި ކޮންމެހެން ދާންޖެހިގެން ވެސް ބޭރަށް ދާނަމަ މާސްކު އަޅައި ސާފުތާހިރު ކަމަށް އިސްކަން ދިނުމަށް ގޮވާލާފައެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތީ މިވަގުތު ހިތަދޫގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ހިތަދޫ އަށް އެރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

މިއާއެކު ފިހާރަތަކަށާއި، ކެފޭ، ރެސްޓޯރެންޓް އަދި މިސްކިތަށް ދާނަމަ މާސްކު އެޅުމަށާއި ކޮވިޑް ފެތުރުނަ ނުދިނުމަށްޓަކައި އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލެނބުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. .

 

މިކަމާ ގުޅިގެން ހިތަދޫ އެސްއެސްޑީ އިން ޢާއްމުކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ އައްޑޫސިޓީ މޮނިޓަރިންގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކުގައި ދަތުރު ކުރާ ފަރާތްތަކުން 1676 އަށް ގުޅުއްވައިގެން އެޗްޕީއޭގެ ހުއްދަ ހޯއްދެވުމަށް އެދިލައްވާކަމަށެވެ. އަދި މޮނިޓަރިންގެ ޙާލަތުގައި އޮފީސްތަކާއި އިދާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ޑިއުޓީއަށް އެއްރަށުން އަނެއް ރަށަށް ދާން ޖެހޭ ޙާލަތްތަކުގައި ސްޓާފްކާޑް ބޭނުންކޮށްގެން ޑިއުޓީއަށް ދެވޭނެ ކަމަށް އަންގާފައި ވެއެވެ.

 

އައްޑޫސިޓީ ހިތަދޫ އިން 2 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާގުޅިގެން ހިތަދޫ ބަންދު ކުރުމުގެ އިތުރުން 2 ދުވަހަށް ހިތަދޫގެ ހުރިހާ ސްކޫލްތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ފޭދޫ ކަރަންޓީންގައިހުރި ފުލުހަކާއި، ހިތަދޫގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހެކެވެ.

ބަންގްލަދޭޝް މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ހިތަދޫ ކަރަންޓީންގައި ހުރެ 14 ދުވަސް ނިންމުމަށްފަހު ހެދި ޓެސްޓު ތަކުންނެވެ. އެ މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީމިހާރު ފަށާފައެވެ.

ފޭދޫ ކަރަންޓީންގައި ހުރި މީހާ އައްޑޫ އަށް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހުރެ ސާމްޕަލް ދިނުމަށްފަހުއެވެ. އޭނާގެ ނަތީޖާ ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ.

ކޮވިޑް-19އަށް ފުލުހެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ މުވައްސަސާއިންވަނީ ބުނެފައެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ އައްޑޫ ސިޓީއިން ފުލުހަކު ޕޮޓިވްވެ އޭނާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ގިނަ ފުލުހުންތަކެއް ހިމެނޭކަމަށް ބުނެ ސޯޝަލްމީޑިއާގައި ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުން ބުނީ ކޮވިޑް-19އަށް ޕޮޒިޓިވްވާ ފުލުހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފުލުހުންގެ ތެރޭގައި ރާވާފައިވާ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރަމުންދާ ނެ ކަމަށެވެ.

އެގޮތުން ފުލުހަކު ކޮވިޑްއަށް ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި އެކަހެރި ކުރަންޖެހޭ ފަރާތްތައް އެޗްޕީއޭއާ ގުޅިގެން އެކަހެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެކަން ހިނގަމުންދާ ގޮތުގެ މަޢުލޫމާތު މީޑިއާ އާއި ޙިއްސާ ކުރާނެ ވާހަކަވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.