އައްޑޫސިޓީ ފޭދޫ މާދެލަ 2 S10.5 387 ނަމްބަރ ވޯޓުފޮށީގައި އިތުރު ވޯޓު ކަރުދާސްކޮޅެއް އޮތް ކަމަށްބުނެ އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. މާދެލަ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި އިބްރާހިމް ޝިޔާޒް ރަހާ ވަނީ އޭނާގެ ފޭސްބުކްގައި މިމައްސަލަ އެމްޑީޕީއިން ހުށަހެޅިކަން ހާމަކޮށްފައެވެ. އޭނާ ފުރަތަމަ ކުރި ޕޯސްޓުގައި ވަގުތީ ނަތީޖާއިން މާދެލަ ދާއިރާގެ ވޯޓު ކާމިޔާބުކޮށް އެދާއިރާއަށް ހޮވުނު ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު ފައިސަލް އަށް މަރްޙަބާ ކިޔާފައިވެއެވެ.
އެހެން ނަމަވެސް އެޕޯސްޓް ޑިލީޓް ކުރުމަށް ފަހު އަލުން ކުރެއްވި ޕޯސްޓެއްގައި ވަނީ ފޭދޫ ސްކޫލް ބާޢިމާރާތުގެ ކްލާސްރޫމް 1 އޭ ގައި ބެހެއްޓި ވޯޓު ފޮށީގައި އިތުރު ވޯޓު ކަރުދާސްކޮޅެއް އޮތްކަމަށް އޮފިޝަލުން އެއްބަސްވެފައިވާތީ އެމްޑީޕީގެ ލީގަލް ޓީމުން އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީން އެފޮށީގެ މައްސަލަ ކޮމިޝަނަށް ހުށަހެޅިއިރު އެފޮށީގެ ވަގުތީ ނަތީޖާ ޝީޓަށް ބަދަލު ގެނެސް ފުރަތަމަ އިޢުލާން ކުރި ނަތީޖާއާއި ޚިލާފަށް މިހާރުވަނީ އެއްވޯޓު އިތުރުކޮށްފައެވެ. އެބަދަލު ގެނެސްފައިވަނީ ވޯޓުލީ މަރުކަޒުގެ ބޭރުގައި ޝީޓް ތަތްކުރި ފަހުންނެވެ.
ވަގުތީ ނަތީޖާ ޝީޓުގައި އެވޯޓު ފޮއްޓަށް ވޯޓުލާފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 477 ކަމަށް އޮތް އަދަދު 478 އަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުންވެސް މިހާރު ފެންނަން އޮތީ އިތުރު އެއް ވޯޓުގެ ނަތީޖާއަކާއި އެކު 478 އެވެ.
ފޭދޫ މާދެލަ ދާއިރާއަށް ކުރިމަތި ލާފައިވަނީ 4 ކެންޑިޑޭޓުންނެވެ. އޭގެތެރެއިން ވޯޓުލީ މީހުންގެ 49.78 އިން ސައްތަ ވޯޓު ކާމިޔާބު ކޮށްގެން ބޮޑު ތަފާތަކާއެކު ވަގުތީ ނަތީޖާއިން އެދާއިރާ ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު ފައިސަލް އެވެ. އެފޮށިން ފައިސަލްއަށް 230 ވޯޓު ލިބިފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝިޔާޒް އަށް ލިބިފައިވަނީ 185 ވޯޓެވެ.