English Edition
Dhivehi Edition
ފޭދޫ ގައި ފަތާ ޓްރެކް އަޅަނީ/ފޮޓޯ އޭއޯނިއުސް އަލީ ނާސިރު

 

އައްޑޫސިޓީ ފޭދޫގައި ފަތާ ޓްރެކް އަޅަން ފަށައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރަމުންދާ ފަތާ ޓްރެކްތަކުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ ފަތާ ޓްރެކެކެވެ.

މިކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގެ ފަތާ ޓްރެކް އެޅުން ކޮވިޑް 19 އާއި ގުޅިގެން ދަތުރު ފަތުރު ކުރުމަށް ދިމާވި ހުރަސްތަކާއެކު ލަސްވިކަމަށްޓަކައި މަޢާފް އެދިވަޑައިގަންނަވާކަމަށެވެ. އަދި މިކަން ޙަގީގަތަކަށް ހެދުމަށް ޒުވާން ވޮލަންޓިއަރުންނާއި އައްޑޫސިޓީ ކައުންސިލާއި ފޭދޫ ޔޫތް ސެންޓަރާއި ފޭދޫ މަޖްލިސް މެމްބަރ ނިހާދު ކުރެއްވި މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ

ޔޫތު މިނިސްޓްރީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތާ ޓްރެކް ގާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އައްޑޫސިޓީ މީދޫގައިވެސް ވަނީ ދާދިފަހުން ޕްލެޓްފޯމް އަޅާ ފަތާ ޓްރެކެއް ޤާއިމްކޮށްދީފައެވެ. އައްޑޫސިޓީ ގައި މީގެ ކުރިން ވަނީ ސިޓީ ކައުންސިލުން ޚަރަދުކޮށްގެން ހުޅުދޫ،ހިތަދޫ އަދި މަރަދޫގައި ފަތާ ޓްރެކް އަޅާފައެވެ.

ރާއްޖޭގެ ރަށްތަކުގައި ޒުވާނުންގެ މަރުކަޒުން ހިންގަމުންދާ ޕްރޮޖެކްޓުގެ ދަށުން ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫ ގައިވަނީ ފަތާ ޓްރެކް އަޅާފައެވެ. ޔޫތް މިނިސްޓްރީން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތާ ޓްރެކް އެޅުމުގެ އިތުރަށް ކުޑަކުދިންގެ ޕާކްތަކާއި އައުޓްޑޯޖިމްއާއި ފުޓްސެލް ދަނޑު އަޅައިދެމުންނެވެ.