ފިނިކުރި ކާނާގެ ބާވަތްތައް ނުވަތަ ފްރޯޒަން ގުޑްސް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިއްކަމުން އަންނަ ކުންފުންޏެއް ކަމަށްވާ ހެޕީ މާކެޓުން ތިމާވެއްޓާ ރަށްޓެހި ބެޓަރީ ވެހިކަލްތަކެއް އެ ކުންފުނީގެ ޑެލިވަރީ ހިދުމަތްތަކަށް ބޭނުން ކުރަން ފަށައިފިއެވެ.
“ހެޕީ މާކެޓް ގްރީން ފްލީޓް” ގެ ނަމުގައި އެކުންފުނިން ވަނީ ކުންފުނީގެ ހިދުމަތްތައް ދިނުމަށް ތަފާތު 3 ވައްތަރެއްގެ ވެހިކަލެއް ރާއްޖެއަށް ތައާރަފު ކޮށް ބޭނުން ކުރަން ފަށާފައެވެ. ހެޕީ މާކެޓުން ހާމަ ކުރި ގޮތުގައި މިވަގުތު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިދުމަތްތައް ދިނުމަށް އެކުންފުނިން ޖުމްލަ 30 ވެހިކަލް ބޭނުން ކުރަމުން އަންނައިރު އެ ކުންފުނިން އަންނަނީ އެ ހުރިހާ ވެހިކަލެއް ގްރީން ފްލީޓް އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކާމިޔާބު ކަމާއެކު މި ވެހިކަލް ތަކުގެ ޓެސްޓިން ނިންމުމަށްފަހު މާލެ ސަރަހައްދުގައި މި ވެހިކަލްތައް ބޭނުން ކުރަމުން އަންނަ އިރު އެކުންފުނިން މައުލޫމާތު ދިން ގޮތުގައި މި މަސް ނިމުމުގެ ކުރިން އެ ކުންފުނީގެ އިތުރު 2 ޑިސްޓްރިބިއުޝަން ސެންޓަރުތައް ކަމުގައިވާ އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައިވެސް ބޭނުން ކުރާ ވެހިކަލްތައް ގްރީން ފްލީޓް އަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައްޑޫ ސިޓީ ފޭދޫގައި ހުންނަ ހެޕީ މާކެޓްގެ އައުޓްލެޓަކީ މާލެފިޔަވައި ރާއްޖޭގެ ރަށެއްގައި ފުރަތަމައަށް ހުޅުވި ޑިސްޓްރިބިއުޝަން ސެންޓަރ އެވެ. އެކުންފުނީގެ 3 ވަނަ އައުޓްލެޓް ހުޅުވާފައިވަނީ ކުޅުދުއްފުށީގައެވެ. 28 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކާނާގެ ގިނަ ބާވަތްތަކެއް ރާއްޖެއެތެރެކޮށް މާކެޓް ކުރަމުން އަންނަ ހެޕީމާކެޓުން މިއަހަރުގެ ތެރޭ އިތުރު އައުޓްލެޓެއް ހުޅުވުމަށް މަސައްކަތްފަށާފައިވާއިރު މިއައުޓްލެޓް ހުޅުވާނެ ވަކި ތަނެއް އަދި އެކުންފުނިން ހާމަ ކޮށްފައެއް ނުވެއެވެ.