އެމެރިކާއާއި، ދެކުނު ކޮރެއާގެ އަސްކަރީ ލިޔެކިޔުންތަކާއި ރޭވުންތަކެއް އުތުރު ކޮރެއާއިން ހެކްކޮށް، ވަގަށް ނަގައިފައިވާ ކަމަށް ދެކުނު ކޮރެއާގެ މަޖިލިސް މެންބަރަކު ވިދާޅުވެއްޖެއެވެ.
ދެކުނު ކޮރެއާގެ ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރަކާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ ޔޮންހެޕް ނިއުސްއިން ބުނެފައިވަނީ އެލިޔުންތަކުގެ ތެރޭގައި އެ ދެގައުމުގެ ހަނގުރާމައިގެ ޕްލޭންތަކާއި، އުތުރު ކޮރެއާ ހަމަލާ ދީފިނަމަ އަމަލު ކުރާނެ ގޮތުގެ ޕްލޭންތައްވެސް ހިމެނޭ ކަމަށެވެ.
ދެކުނު ކޮރެއާގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ރީ ޗިއޯލް-ހީ ވިދާޅުވެފައި ވަނީ މުޅި ޖުމްލަ 235 ޖީބީ ހެކް ކޮށްފައި ވާކަމަށެވެ. އެނާ މިހެން ވިދާޅުވެފައިވަނީ ދެކުނު ކޮރެއާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ކަމަށް ވެސް ޔޮން ހެޕް ނިއުސް ރިޕޯޓު ކުރެއެވެ.
މި ކަން ކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް ރީ ވިދާޅުވިއެވެ.
މިއީ އުތުރު ކޮރެއާގެ ހެކަރުން ކޮށްފައިވާ ކަމެއް ކަމަށް އެ ފަރާތުން ބުނާއިރު އުތުރު ކޮރެއާއިން ވަނީ މި ތުހުމަތުތަކަށް ދެކޮޅު ހަދައިފައެވެ.
ވޮޝިންޓަނުން ވަނީ މިހާރު ފެތުރެމުންދާ މީޑިއާ ރިޕޯޓުތައް އެނގޭ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެކޭ ބުނުމަށް ވަނީ ދެކޮޅު ހަދައިފައެވެ.
ޕެންޓަގަން އިން ބުނެފައިވަނީ އެމީހުން ވަކިހަމަލާ އަކާބެހޭގޮތުން ޖަވާބު ދާރީ ނުވިނަމަވެސް އެމީހުންގެ ޕްލޭންތައް ރައްކާތެރިކޮށް ހުރި ކަމަށާއި އަދި އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކަށް މުޅިން ތައްޔާރު ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.