English Edition
Dhivehi Edition

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީޢަތުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގެ މައްސަލައިގައެވެ. އެއީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.

މިމައްސަލާގައި އާޒިމާގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ޝެޑިއުލް ކޮށްފައިއޮތީ މިއަދު 11 ޖަހާއިރަށެވެ. ނަމަވެސް އެ އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. ސަބަބެއް ކަަމަށް ވަނީ އާޒިމާގެ ލޯޔަރ ކަރަންޓީނުގައި ހުރުމުންނެވެ.

މި މައްސަޅާގައި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި އަޑުއެހުމުގައ އާޒިމާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެތައްބަޔަކު ހިމެނޭ ކަމަކަށް ވާއިރު ހަމައެކަނި އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަ ނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެގޮތުން އޭނާގެ މައްޗަށްކުރާ ދެ ދައުވާގައި ވެސް އޭނާ އާއި އެއް ހަމައެއްގައި އަމަލު ކޮށްފައިވާ އެއްވެސް މީހަކާ މިހާތަަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއްވެސް ކޮށްފައިނުވާ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

ޢާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ބައްލަވާ ޤާޟީން އެތައް ފަހަރަކު ބަދަލުވެފައިވާ އިރު، ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ އެ މައްސަލަ ބެއްލެވީ ޤާޟީ އަހުމަދު ހައިލަމްއެވެ. ނަމަވެސް ހައިލަމް މަގާމުން ވަކިކުރުމުން ފަހުން އެ މައްސަލައާއި ދެން ހަވާލުވެވަޑައިގަތީ ޤާޟީ ހަސަން ސައީދުއެވެ. ނަމަވެސް ހަސަން ސައީދު ވެސް ވަނީ މައްސަލައިން ތަނާޒުލްވެފައެވެ. މިހާރު އެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުކޮށް މައްސަލައާއި ހަވާލުވެވަޑައިގެންފައި ވަނީ ޤާޟީ އަލީ އާދަމްއެވެ.