ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް މި ގައުމުގައި ތިބި ސިޔާސީ ބޭފުޅުން ބޭނުންވާގޮތަށް ގުދުކުރެވުމަކީ ހިތާމަކުރައްވާ ކަމެއްކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
އަޒީމާ މިހެން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން އިއްޔެ ދިނުމާއި ގުޅިގެންނެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އުފުލާފައިވާ ދައުވާތައް އަލުން އަނބުރާ ގެންގޮސް ސްޕްރީމް ކޯޓުން އިއްވާފައިވާ ދެ މަހުގެ ހުކުމްވެސް ބާތިލުކުރުމާ ގުޅިގެންނެވެ.
އަލީ ވަހީދު އަބުރާ ރާއްޖެ ވަޑައިގަތުމާ ގުޅިގެން އާޒިމާ ކުރެއްވި ޓުވިޓެއްގައި ވަނީ ރާއްޖޭގެ ހުރިހާ އަންހެނުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަންހެނުން ރައްކާތެރިކުރުމުގެ ސިޔާސަތަށްވެސް ސާބަސް ވިދާޅުވެފައެވެ.
މީގެ އިތުރުން އާޒިމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ގައުމުގެ ދުސްތޫރީ ނިޒާމް ސިޔާސީ ބޭފުޅުން ބޭނުންވާގޮތަށް ގުދުކުރެވޭ ގޮތަށް ކަންތައް ވުމަކީ ހިތާމަކުރައްވާ ކަމެއްކަމަށެވެ. މީގެ އިތުރުން އާޒިމާ ވަނީ ދިވެހިރާއްޖެއިން ފެހި ގާނޫނު އަސާސީއަށް އަނބުރާ ރުޖޫއަ ވާންވީތޯ ސުވާލު އުފައްދަވާފައެވެ