ޕީޕީއެމް ޕީއެންސީގެ އަޒުމު ވަރުގަދަ ކަމަށާއި އެ ކޯލިޝަން ގުނޑުވާލުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ އެ ކޯލިޝަންގެ މަސައްކަތަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ރާއްޖެއަށް ގެންނަން ނިންމާފައިވާ ތަފާތު ބޮޑު ބަދަލާ އަދި ކުރިއެރުން ރައްޔިތުންނަށް ދެއްކުމަށް ކުރެވޭ މަސައްކަތްކަމަށެވެ. އަދި އެ ކޯލިޝަން ކުރިޔަށްދާނީ ވަރުގަދަ އަޒުމަކާއެކީގައިކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ އެ ކޯލިޝަން ބައިބައިކޮށް ގުނޑުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
މީގެއިތުރުން އާޒިމާ ވިދާޅުވީ މާލެ ސަރައްދުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުނުކޮށް، ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރައްވާ މަސައްކަތްތައް ފެށޭނީވެސް އަދި ނިމޭނީވެސް މާލޭގެ ތެރެއިން ކަމަށް އާޒިމާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލް މީގެކުރިން ފެނިފައިވަނީ ސަރުކާރާއި، އިދިކޮޅާ ދެމެދު ފިއްތާލެވިފައި އޮތް ކައުންސިލެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ މާލެ ސިޓީއަކީ ހިތްހަމަޖެހިލައިގެން ދިރިއުޅެވޭ ތަނަކަށް ނުވުމުގެ އަސްލަކީ އެއީ ކަމަށެވެ.