English Edition
Dhivehi Edition
ފޮޓޯ : ޕީއެސްއެމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ، އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑާކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކަމަށެވެ.

އާޒިމާ ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތުން ހަގީގަތާ ހިލާފު މައުލޫމާތަކެއް އޭނާ ދެއްވާފައިވާތީ ކަމަށް ފުލުހުން ތުހުމަތު ކޮށެވެ.

ޕީޖީ އޮފީހުންގެ އާޒިމާގެ މައްޗަށް މިއަދު ދައުވާ އުފުލާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މިމައްސަލާގައި ޔާމީން ވަނީ މީގެ ކުރިންވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ފުލުހުން މީގެކުރިން ބުނި ގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތްވި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ.

އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމުގެ މައުލޫމާތާއެކު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާގުޅިގެން ޔާމީންގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓް ފުލުހުން އެދިގެން ވަނީ ފްރީޒްކޮށްފަ އެވެ.