މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާގެ 3 ވަނަ ސިލްސިލާ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސް ކާމިޔާބު ކަމާއެކު ނިއްމާލައިފިއެވެ.
ފުވައްމުލައް ސިޓީގެ ޔޫތު ސެންޓަރުގައި ރޭ ކުރިއަށް ގެންދިޔަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ، އަޙްމަދު ސައީދު މުޙައްމަދުއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓްގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާއީލްއާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގް އާއި މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރަރ އަޙްމަދު އިރާޝްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ އެމްޑީ ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ވައުދަކީ ނުވަތަ މި ސަރުކާރުގެ ވައުދަކީ އެންމެނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދެއްވުން ކަމަށާއި ޖަމިއްޔާތައް ގުޅިގެން ކުރަމުން މި ގެންދަނީ އެ މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ޖަމިއްޔާތަކެއް ރަޖިސްޓްރީ ވެފައިވާއިރު ހުރިހާ ޖަމިއްޔާތަކެއްވެސް އެންމެ އެކަށޭނެ ގޮތުގައި ހަރަކާތްތެރިވުމަކީ މުހިއްމުކަމެއް ކަމަށް އެމްޑީ ވިދާޅުވިއެވެ،
މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަޖިސްޓްރަރ އިރާޝް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ޖަމިއްޔާތަކަކީ ވެސް ހަރަކާތްތެރި ޖަމިއްޔާތަކަކަށް ހެދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާއި ޖަމިއްޔާތައް ވިއުގައަކުން ގުޅުވައިދީ ޖަމިއްޔާތަކުގެ މައުލޫމާތާއި ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދި ޖަމިއްޔާތަކާއި ގުޅުންހުރި ކަންތައްތައް ބެލޭނެހެން ޕޯޓަލް އެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އަދި ޕޯޓަލް ތައާރަފް ކުރެވޭ ހިސާބުން ފެށިގެން މަދަނީ ޖަމިއްޔާތަކަށް ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އިރާޝް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަ ދައްކަވަމުން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަންގެ ރައީސާ ޝިމްލާ އަޙްމަދު ވިދާޅުވީ ހުރިހާ ޖަމިއްޔާތަކުގެ އެންމެ ބޮޑު އެއް އެދުމަކީ މިފަދަ އިތުރު ޕްރޮގްރާމުތައް ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން މުސްތަގުބަލުގައި ވެސް ކުރިއަށް ގެންގޮސް ހަރަކާތްތެރި ގިނަ ޖަމިއްޔާތަކެއް ގުޅިގެން މަސައްކަތް ކުރެވޭނެގޮތް ވުން ކަމަށެވެ. އަދި ރާއްޖޭގައި އުފެދިފައިވާ މަދަނީ ޖަމިއްޔާތައް އެއްޖަމިއްޔާއާއި އަނެއް ޖަމިއްޔާ ގުޅުވައިދީ ވަރުގަދަ ވިއުގައެއް ގާއިމުކޮށްދެއްވުން. އިންޓަނޭޝަނަލް އަދި ނޭޝަނަލް ފަންޑިން ޕްރޮގްރާމް ތަކާ އަދި ޖަމިއްޔާތަކާ ތބެހޭ މައުލޫމާތުތައް ތާޒާކަމާއެކު ޖަމިއްޔާތަކާއި ހިއްސާވާނެ ގޮތް ވެގެން ދިއުންކަމަށާއި ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ދެހާސް ތިންސަތޭކައަށް ވުރެ ގިނަ ޖަމިއްޔާ އޮތް އިރު އެ ހުރިހާ ޖަމިއްޔާތަކުން އެކަށީގެންވާ ގޮތުގައި މަސައްކަތް ކޮށް މުޖުތަމައަށް ލާބައާއި މަންފާކުރަމުންދާނެ ގޮތް ވުމަކީ ވަރަަށް ބޮޑު އެދުމެއް ކަމަށެވެ.
ޖެނުއަރީ މަހުގެ 25 އިން 29 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ބައިވެރިވެފައިވަނީ އައްޑޫސިޓީގެ 4 ޖަމިއްޔާ އަކާއި ފުވައްމުލައް ސިޓީގެ 9 ޖަމިއްޔާއެއްގެ އިތުރުން ގއ. އަތޮޅުގެ 2 ޖަމިއްޔާއަކާއި ގދ. އަތޮޅުގެ 2 ޖަމިއްޔާއެވެ.