ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި “ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން މ. އަތޮޅު މަޑުއްވަރިގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ޕަބްލިކް ސްޕީކިންގ ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ވެށި ބާރު ޕްރޮގްރާމްގެ ދަށުން ހިންގާ 3 ވަނަ ޕަބްލިކް ސްޕީކިން ޕްރޮގްރާމެވެ. ވެށިބާރުގެ ދަށުން މީގެ ކުރިން ވަނީ ގއ. ވިލިނގިލި އަދި ހދ. ނޮޅިވަރަމް ގައި މީގެ ކާމިޔާބު 2 ޕްރޮގްރާމް ހިންގާފައެވެ. މި އީ މުޅިން ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމެންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު އޮންނާނީ މި ޖޫން މަހުގެ 24 އިން 26 އަށް މަޑުއްވަރީގައެވެ.
މިއީ ޕްރޮފެޝަނަލް ގިންތީގައި މަސައްކަތް ކުރާފަރާތްތަކާއި، އޮފީސްތަކުގެ ވެރިންނާއި، އުގަންނައި ދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސްޕީޗް ގެ އޮނިގަނޑު އެކުލަވާލުމާއި، މީހުން ޝައުގުވެރިވާ ގޮތަށް، ހުށަހަޅައި ދިނުމާއި، އަސަރު ހުރި ވާހަކައެއް ދެއްކުމުގައި ސަމާލުކަންދޭންޖެހޭ ބައިތަކާއި، ބަޔަކާއި މުހާތަބު ކުރުމުގައި ހުންނަ ޖެހިލުންވުމުން އަރައިގަންނާނެ ގޮތްތައްފަދަ، ޕަބްލިކް ސްޕީކިންގ ގެ ދާއިރާއިން ކޮންމެހެން އެނގެންޖެހޭ މުހިންމު ބައިތަކާއި، އަމަލީގޮތުން ސްޕީޗް ދިނުމާއި، އަދި ރަނގަޅުކުރަންޖެހޭ ބައިތައް ބައިވެރިންނަށް އަންގައި ދިނުން ހިމެނިފައިވާނެއެވެ.
ޕަބްލިކް ސްޕީކިންގ ސްކިލް އަކީ އަމިއްލަ މީހާގެ ކުރިއެރުމަށްޓަކައި އެންމެ މުހިންމު އެއް ހުނަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ، އަދި ވަޒީފާގެ ބާޒާރުގައި އެންމެ ބޭނުންތެރި އެއް ހުނަރެވެ.
މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ، ސްކީމްގެ ކޯފައުންޑަރ އަދި ސްޕީކަރ އެންޑް ޓްރެއިނަރ އެއްކަމަށްވާ އާމިނަތު ޢަލީއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ފޯމް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ރަޖިސްޓަރ ކުރުމަށް ސްކީމުން އިލްތިމާސް ކުރެއެވެ.
Public Speaking Workshop – Registration Form (jotform.com)
ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7548078 އާއި ގުޅުމުން ލިބޭނެއެވެ.
ޔޫތް މިނިސްޓްރީއާއި ސްކީމް ޖަމިއްޔާ ގުޅިގެން “ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތުގައި ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވެށި- ބާރު ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.