English Edition
Dhivehi Edition
ސްކީމްގެ ގައުމީ ހިންގާ ކޮމެޓީގެ މެމްބަރުން

ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމިއްޔާތަކުގެ ތެރެއިން ހަރަކާތްތެރި ސްޓޭޓަސްގައި 600 އެއް ހައި ޖަމިއްޔާ އޮތް އިރު އޭގެ ތެރެއިން އެންމެ އެކްޓިވް އެއް ޖަމިއްޔާގެ ގޮތުގައި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ނަން ފާހަގަ ކޮށްލެވޭ ކަމަށް ރަޖިސްޓްރަރ އޮފް އެންޖީއޯސް އަޙްމަދު އިރާޝް ވިދާޅުވެއްޖެއެވެ.

ސްކީމްގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި އޮންލައިން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިރާޝް ވިދާޅުވީ ރާއްޖޭގައި 2000 (ދެހާސް) ޖަމިއްޔާ ރަޖިސްޓްރީ ވެފައިވާއިރު އޭގެ ތެރެއިން އެކްޓިވް ސްޓޭޓަސް ގައި މިހާރު އޮތީ 600 އެއް ހައި ޖަމިއްޔާކަމަށެވެ. އެހެން ކަމުން އެ 600 ޖަމިއްޔާގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ޖަމިއްޔާ އަކަށް ސްކީމް ވެގެން ގޮސްފައިވާ ކަމަށާއި އެކަމަށްޓަކައި ސްކީމްގެ ހުރިހާ މެމްބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ސަރަޙައްދީ ޖަމިއްޔާގެ ގޮތުގައި ސްކީމް ހަރަކާތްތެރިވަމުން އަންނަނީ ދެކުނުގެ 4 އަތޮޅު ގައެވެ. އެއީ އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގދ. އަތޮޅާއި ގއ. އަތޮޅުގައެވެ. ކޮންމެ އަތޮޅެއްގައި ސްކީމްގެ އަތޮޅު ޗެޕްޓަރ ތައް ތިބޭއިރު ސްކީމްގެ ވަކި ގައުމީ ހިންގާ ކޮމެޓީއެއްވެސް އޮވެއެވެ.

” ރާއްޖޭގައި ތަފާތު އެކި ނަން ނަމުގައި ގިނަ މަދަނީ ޖަމިއްޔާތަކެއް ހަރަކާތްތެރިވާ އިރު ރީޖަނަލް ފެންވަރުގައި މިހާ ބައިވަރު މީހުންނާ އެކު ރާއްޖޭގެ ޖަމިއްޔާއަކަށް ހަރަކާތްތެރިވާ އެންޖީއޯ އަކީ ހަމަ އެކަނި ސްކީމް. ސްކީމަކީ ތަފާތު ޖަމިއްޔާ އެއްގެ ގޮތުގައި މިނިސްޓްރީ އަށް ވެސް ފާހަގަ ކުރެވިގެން ދިޔަ. އަތޮޅު ޗެޕްޓަރ ތަކާއި އަދި ވަކި ގައުމީ ހިންގާ ކޮމެޓީ އެއް އޮވެގެން އަތޮޅު ތަކުން އެކީގައި މަސައްކަތް ކުރަމުުން ދިއުމަކީ ވަރަށް ތަފާތު މަސައްކަތެއް” އިރާޝް ވިދާޅުވިއެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރު ސްކީމުން ދެކުނުގެ 4 އަތޮޅުގައި 300 ޒުވާނުން ތަފާތު ދާއިރާ ތަކުން ތަމްރީނު ކޮށް އޭގެ ތެރެއިން 9 ޒުވާނަކަށް ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހޯދައިދިނުން އެއީ ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަމަށް އިރާޝް ވިދާޅުވިއެވެ.

“ޖަމިއްޔާގެ މެމްބަރުން ގެ މަސައްކަތުން 300 ޒުވާނުންނަށް ތަފާތު ހުނަރު ދަސްކޮށް ދެވުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއް. އަޅުގަނޑުމެންނަށް މިނިސްޓްރީ އިން އަތޮޅު ތެރޭގައި ހިންގުނު ޕްރޮގްރާމް ތަކަށް ބަލާއިރު ޖަމިއްޔާއަކުުން ރާވައިގެން މިހާ ގިނަ ޕްރޮގްރާމުތަކެއް ހިންގައި މިހާބޮޑު ކާމިޔާބީއެއް ހޯދި ކަމަށްޓަކައި ޖަމިއްޔާގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކޮށް މަރުހަބާ ކިޔަން” އިރާޝް ވިދާޅުވިއެވެ.

ސްކީމްގެ 2 ވަނަ އަހަރީ ދުވަހު ސްކީމުން ހުށަހެޅިއަހަރީ ރިޕޯޓް ގައި ވޭތުވެދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ މުޅިއެކު 63 ހަރަކާތް ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ. މިއީ ސްކީމްގެ އަތޮޅު ޗެޕްޓަރ ތަކުން އަމިއްލަ އަށް އިސްނަގައިގެންނާއި މުޅި ސްކީމް ގުޅިގެން ހިންގާފައިވާ ކާމިޔާބު ހަރަކާތްތަކެކެވެ.

ސްކީމްގެ ރައީސާ ޝިމްލާ އަޙްމަދު ވިދާޅުވީ ސްކީމުގެ ފުރަތަމަ 2 އަހަރަކީ ސްކީމްގެ އޮނިގަނޑު ރާވައި ޗެޕްޓަރ ތައް ގާއިމު ކުރުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު 2 އަހަރު ކަަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި މިއަށް ވުރެ ތަފާތު ގިނަ މަސައްކަތްތަކެއް ސްކީމުން ފެނިގެން ދިއުމަކީ ކުރެވޭ އުއްމީދު ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ ވޭތުވެދިޔަ އަހަރުގެ އެންމެ ހަރަކާތްތެރި ޗެޕްޓަރ އަށް ޗެޕްޓަރ އެވޯޑު ވެސް ދީފައެވެ. މިއަހަރުގެ ޗެޕްޓަރ އެވޯޑް ހާސިލް ކޮށްފައިވަނީ އައްޑޫ ޗެޕްޓަރ އިންނެވެ. ސްކީމްގެ ފުރަތަމަ އަހަރުގެ ޗެޕްޓަރ އެވޯޑު ހާސިލް ކުރި ގދ. އަތޮޅު ޗެޕްޓަރ އިންނެވެ.