ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވެރިކަން ކުރަން ލިބިވަޑައިގަތީ އެންމެ އަހަރެއް ކަަމަށާއި އެއް އަހަރުތެރޭގައި މި ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް ފަށާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ށ. ކޮމަންޑޫގައި ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެހެން ސަރުކާރަކުން މަޝްރޫއުތައް ކުރިއަށް ނުގެންދާވަރަށް ކޮވިޑްގެ ހާލަތުގައި ރައީސް ސޯލިހު ތަރައްގީގެ މަޝްރުއުތައް ކުރިއަށްގެންދެވި ކަމަށެވެ.
ކޮވިޑްގެ ނުރައްކާތެރި ހާލަތާ ހެދި މަޝްރޫއުތައް ކުރިއަށް ގެންދަން އެންމެ ދަތިވި ދުވަސްވަރުވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިޔަކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ރައީސް ސޯލިހްއަށް ވެރިކަން ކުރަން ލިބިވަޑައިގަތީ އެންމެ އަހަރެއްކަމަށެވެ. އަދި އެއް އަހަރުތެރޭގައި މި ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް ފަށާފައިވާކަން ފާހަގަކޮށް ގާސިމް ވިދާޅުވީ މިފަދަ ބަލި މަޑުކަމެއްގެ ތެރޭގައި ސަރުކާރުން މަޝްރޫއުތައް ހިންގާލެއް ލަހޭ ކިޔައި ފާޑު ކިޔުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.
އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓަށް ތާއިދު ހޯދުމުގެ ގޮތުން ގާސިމް ވަނީ އެ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކޮށްފައެވެ.