ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާ އަށް ނުދެވޭ ގޮތަށް ސައުދީ އަރަބިއްޔާ އިން ކަނޑައަޅައިފިއެވެ.
ސައުދީ ސަރުކާރުން އުމްރާ ކުރުމާއި މައްކާގެ ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ވެކްސިން ޖަހާފައިވާ ކަމަށް ކަނޑައަޅާފައިވާ ތިން ކެޓަގަރީގެ މީހުންނަށް ކަމަށް ބުނެފައެވެ. އެ ކެޓަގަރީތަކަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނާއި އެއް ޑޯޒް ޖެހުމަށް ފަހު 14 ދުވަސްވެފައިވާ މީހުން އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނެވެ.
ސައުދީ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އެ ގައުމުގެ ކޮންޓެކްޓް ޓްރޭސިން އެޕް “ތަވައްކަލްނާ” ގައި ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާ މިންގަނޑު އަންނަ މަހުން ފެށިގެން ބަދަލުވާނެ ކަމަށެވެ. އޭރުން، 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ދައްކާނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ އަށް މަސް ނުވާ ނަމަ ކަމަށް ވަނީ ބުނެފައެވެ. އަދި އަށް މަސް ވެފައިވާ ނަމަ ވެކްސިން ފުރިހަމަވެފައިވާ ކަމަށް ދައްކާނީ ބޫސްޓަ ޑޯޒް ޖެހުމުންކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ،
ސައުދީގައި ބޫސްޓާ ޑޯޒް އަވަހަށް ޖެހުމަށް ބާރު އެޅުމުގެ ގޮތުން އުސޫލުތައް ހަރުކަށިކުރުމަށް ވަނީ ނިންމާފައެވެ. މި ގޮތުން ވެކްސިން ޖެހިތާ އަށް މަސްވެފައިވާ މީހުން ސައުދީގެ ފެސިލިޓީތަކާއި އާންމުން އެއްވެ އުޅޭ ތަންތަނާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަައް ހިންގާ ތަންތަނާއި މަތިންދާބޯޓުތަކަށް އަދި އާންމު ދަތުރުފަތުރުތައް ބޭނުން ނުކުރެވޭ ގޮތް ހަދަން ވަނީ ނިންމާފައެވެ.