English Edition
Dhivehi Edition

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރު ކުރަން ކަމަށް ބުނެ ސްކޭމަކުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ނަމުގައި ފަހަކަށް އައިސް ޙައްޖާއި ގުޅުވައިގެން ސްކޭމް ކޯލުތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ކޯލުތަކުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރުކުރުމަށްޓަކައި ފައިސާ ޖަމާކުރުމަށް އެދެމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

“މި ކޯޕަރޭޝަނުގެ ހިދުމަތްތަކަށް ފައިސާ ދައްކާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކަށް. އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާ ކުރުމަށް މި ކޯޕަރޭޝަނުން ނާންގާނެ ވާހަކަ ދަންނަވަން،” އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ފަހަކަށް އައިސް ބީއެމްއެލްއާއި އެޗްޑީސީ ފަދަ ތަންތަނުގެ ނަމުގައި އޯޓީޕީ ހޯދުމަށް ވެސް ބައެއް ފަރާތްތަކަށް މެސެޖުތައް ފޮނުވަމުންދެއެވެ. އެފަދަ އޮޅުވާލުންތަކުގެ ޒަރިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތު ހޯދުމާއި ފައިސާ ހޯދުމަށް ފޯނުން ގުޅުމާއި މެސެޖުކުރުން ވަނީ ޢާންމުވެފައެވެ.

އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މިދިޔަ ހަފުތާގައި ވެސް 200،000 ރުފިޔާ މީހެއްގެ އަތުން ވަނީ ފޭރިގެންފަ އެވެ.