English Edition
Dhivehi Edition

މިއަހަރު ރާޖެއިން ހައްޖަށް ދިޔަ އިތުރު ހައްޖާޖީއަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ނިޔާވެފައިވާ ކަމަށެވެ.

ނިޔާވެފައިވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން (72) ކަމަށާއި އޭނާ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޖޫން 30 ވަނަ ދުވަހުގެ ހަވީރު 18:17 (ރާއްޖެގަޑިން) ގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހަރަމައިން ކުންފުނީގެ ހަވާލުގައި ހައްޖަށް ދިޔަ، އުމުރުން 72 އަހަރުގެ މީހަކު ވެސް މިއަހަރު ވަނީ ނިޔާވެފައެވެ.

އެއީ މިނާއިން ގެއްލުގެން ހޯދަމުންދިޔަ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ ނަކަމަށް ކިޔާ މީހެކެވެ. ނަސީމް ނިޔާވިކަން އެނގުނީ ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވާ މީހުންގެ ލިސްޓް ސައުދީ އަރަބިއްޔާގެ ކަމާއިބެހޭ ފަރާތްތަކުން އާއްމުކުރިއިރު އެލިސްޓްގައި ނަން އޮތުމުންނެވެ.

ނަސީމް ގެއްލުނުކަން އެނގުނީ ހައްޖު މަހުގެ 8 ވަނަ ދުވަހުގެ ރޭ މިނާގައި ތިއްބައެވެ. އެރޭ ގާތްގަނޑަކަށް ދަންވަރު 12 ޖަހައި ކަންހާއިރު، ޓެންޓަށް ގޮސް ބެލިއިރު ނަސީމް ނެތުމުން އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ނަސީމް ގެއްލުނު އިރު އޭނާ ހުރީ އިހްރާމް ގައިކަމަށް މައުލޫމާތުު ލިބެއެވެ.

ނަސީމް ހޯދުމަށް ދިވެހި ޙައްޖު މިޝަނާއި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.