English Edition
Dhivehi Edition

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިޔަރާއި، ސިނގިރޭޓު އަދި ތަފާތު އެކި ބާވަތުގެ ތަކެތި ހިމެނޭ މި ތަކެތި ނައްތާލާފައިވަނީ މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ.

ކަސްޓަމްސް އިން ނައްތާލާފައިވަނީ 248 ދަޅު ބަނގުރަލާއި 4133 ދަޅު ބަނގުރާ އެކުލެވޭ ބިޔަރާއި 6015 ސިގިރޭޓް / ސިގަރ އާއި 21346 ކޮންފެންޝަނަރީއެވެ.

މީގެ އިތުރުން ސައިފަތާއި ފެޝަން އެސެސަރީސް (ވޮލެޓް / ބޭގް) އާއި ކޮސްމެޓިކްސް އާއި ޓޮއިލެޓްރީޒް އަދި އެހެނިހެން ސާމާނު ވެސް ވަނީ ނައްތާލާފައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.