English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 56 އިންސައްތަ ވަނީ އިތުރުވެފައި ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކާގޮތުގައި 2021 ވަނަ އަހަރުގެ ޖުލައި މަހު 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 4.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެއިތުރުން ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 31 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް ދައްކައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ވަނީ ތަފާސް ހިސާބުން ދައްކާފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޯ އެވެ.

އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން ޔޫ.އޭ.އީ އިން 550 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 493 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 343 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.