English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުދޫ އަވަށުގެ ބޮމާފަންނު މައިޒާން ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ހުޅުދޫ އަވަށުގެ ބޮމާފަންނު މައިޒާން މުނިފޫހިފިލުވުމަށާއި މޫދަށް އެރި ހިތްފަސޭހަކޮށްލުމަށް ރަނގަޅު ފެންވަރަކަށް އަމިއްލަ ގޮތުން ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ފެބުރުވަރީ 2022 ވަނަ ދުވަހުގެ ކުރިން ހުޅުދޫ އަވަށު އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ޕްރޮޕޯސަލް ވެސް ބަލައިގަނެވޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލްގެ އިއުލާނުގައި މި މަސައްކަތް ކުރިއަށް ގެންދަންޖެހޭ، ވަކި ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީ ހުޅުދޫ ގައި މިހާރުވެސް އަމިއްލަ ޖަމްމިއްޔާ އެއް ކަމުގައިވާ ހުޅުދޫ އަންހެނުންގެ ގުޅުމުން މައިޒާނެއް ވަނީ ހަދާފައެވެ. އެ ތަނަކީ ކުޑަކުދިންގެ އިތުރުން އެކި އުމުރުފުރާތަކުގެ މީހުންނަށް ކަސްރަތު ކުރެވޭ ގޮތަށް، އައުޓްޑޯ ޖިމެއްވެސް ގާއިމުކޮށްފައިވާ މައިޒާނެކެވެ.