English Edition
Dhivehi Edition

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ މައްސަލައިގެ ޝަރީއަތްތައް ދެން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހަފްތާގެ ބުދަ ދުވަހަށް ތައާވަލް ކުރިނަމަވެސް އިދާރީ ސަބަބަކާ ހުރެ، ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ‘ސަން’ އިން ކުރި ސުވާލަކަށް ޖަވާބުދެމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހިންގަން ނިންމާފައި ވަނީ ހުރިހާ ފާރާތްތަކެއް ކޯޓަށް ހާޒިރުކޮށްގެންކަމަށެވެ. އެހެންކަމުން ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ ޝެޑިއުލް ކުރާނެ ކަމަށް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން މަހްލޫފުގެ މައްޗަށް ދައުވާ އިފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގައި ރިޝަވަތު ހިފާފައިވާކަމަށް ތުހުމަތުކޮށެވެ.ދައުލަތުން، ވަނީ މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ތުހުމަތުކޮށްފައެވެ.

 

އެސްއޯއެފުން 33،000 ޑޮލަރު ލިބުނު ކަމަށް ބުނާ މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން، ޕީޖީ އޮފީހަށް ފޮނުވުމާއި ގުޅިގެން މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވާފައެވެ. އެހެންނަމަވެސް މަހްލޫފު ވަނީ ތަކުރާރުކޮށް އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. އަދި މަހްލޫފު ސަސްޕެންޑުގައި ހުންނަވާތާ ހަތަރު މަސް ފަހުން އޭނާ އަލުން ވަޒީފާއަށް ނިކުމެ ވަޑައިގަތީ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މި މައްސަލަ މަހްލޫފުގެ މައްޗަށް ސާބިތުވެއްޖެނަމަ ހުކުމަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.