English Edition
Dhivehi Edition
ފުވައްމުލައްސިޓީގައި ކުރިއަށް ގެންދާ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާގެ ބައިވެރިން: ފޮޓޯ އޭއޯ ނިއުސް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިންތިޒާމްކޮށްގެން ދެކުނުގައި ކުރިއަށް ގެންދާ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ފުވައްމުލައް ސިޓީގައި ރޭ ފަށައިފިއެވެ.

ޖެނުއަރީ މަހުގެ 25 އިން 29 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މަހާސިންތާގައި ބައިވެރިވަނީ އައްޑޫސިޓީގެ 4 ޖަމިއްޔާ އަކާއި ފުވައްމުލައް ސިޓީގެ 9 ޖަމިއްޔާއެއްގެ އިތުރުން ގއ. އަތޮޅުގެ 2 ޖަމިއްޔާއަކާއި ގދ. އަތޮޅުގެ 2 ޖަމިއްޔާއެވެ.

މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ގައުމީ ތަރައްގީއާއި، ހެޔޮވެރިކަން އަދި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރު އެޅުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފުވައްމުލައް ސިޓީގެ ޔޫތު ސެންޓަރުގައި ކުރިއަށްދާ މި މިމަހާސިންތާގައި މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރަރ އަޙްމަދު އިރާޝްއާއި ޔޫތު މިނިސްޓްރީގެ ބޭފުޅުން ވެސް ބައިވެރިވެއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އިން ބައިވެރިވެލައްވައެވެ.

މަހާސިންތާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރަޖިސްޓްރަރ އިރާޝް ވިދާޅުވީ ޖަމިއްޔާތަކާއި ގުޅޭ އެންމެހައި ކަންތައްތަކުގައި ގާތުން ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާއި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަރަށް ގިނަ ދުވަސްވެފައިވާ ޖަމިއްޔާތައް އެންމެ ރަނގަޅު ގަވަރނެންސް ނެތި ކުރިއަށް ގެންދާ މައްސަލަކަމަށެެވެ.

” ރާއްޖޭގައި 2300 އަށް ވުރެ ގިނަ ޖަމިއްޔާ ރަޖިސްޓްރީ ވެފައި ހުރި އިރު އޭގެ ތެރެއިން 600 ވަރަކަށް އެކްޓިވް ޖަމިއްޔާ މި ފެންނަނީ. ގިނަ ޖަމިއްޔާ ތަކުން ކަނޑައެޅިފައިވާ މުއްދަތަށް އަހަރީ ރިޕޯޓް ވެސް ފޮނުވާފައި ނުވޭ. މި ފަދަ މައްސަލަތަކަކީ އެންމެ ފުރިހަމަ ގޮތުގައި ޖަމިއްޔާ ތަކާ ގުޅޭ މަސައްކަތް ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަންކަން” އިރާޝް ވިދާޅުވިއެވެ.

ދެކުނުގެ 4 އަތޮޅަށް ޚާއްޞަކޮށްގެން ފުވައްމުލަކުގައި މި މަހާސިންތާ ފަށާފައިވާއިރު އުތުރުގެ 3 އަތޮޅުގެ މަދަނީ ޖަމިއްޔާތަކާއި އަދި މެދުއުތުރުގެ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ވަނީ ކާމިޔާބު 2 މަހާސިންތާ އެއް ކުރިއަށް ގެންގޮސްފައެވެ.