English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ޕޯޓްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖް ދެނީ ކުރިން އެ މީހުންނަށް ދެމުންދިޔަ އެލެވެންސްތަކެއް ކަނޑާލުމަށްފަހުކަން، މުވައްޒަފުންނަށް އަންގައިފިއެވެ.

މުވައްޒަފުންނަށް މި ގޮތަށް އަންގާފައިވަނީ ހިތަދޫ ޕޯޓުސް ލިމިޓެޑްގެ ޗީފް މެނޭޖަރު އިބްރާހިމް ރަޝީދު ސޮއިކުރައްވައި އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައެވެ، އެ މެމޯގައިވާ ގޮތުން ކުރިން މުވައްޒަފުންނަށް ދެމުންދިޔަ ރިސްކު އެލެވެންސާއި، ރިސްކް އެންޑް ހާޑްޝިޕް އެލެވެންސް ވަނީ ކަނޑާލާފައެވެ.

އެ މެމޯގައި ބުނެފައިވަނީ މި އެލެވެންސްތައް ކަނޑާލުމަށްފަހު މިނިމަމް ވޭޖްގެ ގޮތުގައި ހުރިހާ މުވައްޒަފުންނަށް 3،900 ރުފިޔާގެ އެލަވެންސެއް ދޭނެކަމަށެވެ.މިނިމަމް ވޭޖުގެ ސަބަބުން މުވައްޒަފުންނަށް އެއްވެސް ފައިދާއެއް ނުވާކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ކުންފުނިން މުވައްޒަފުންނަށް ފޮނުވި މެމޯ މިހާރު ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު މެމޯ ލީކުކޮށްލި މައްސަލަ އެ ކުންފުނިން ބަލަމުން އަންނަ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިނިމަމްވޭޖަށް އަމަލުކުރުމުގެ ގޮތުން ހިތަދޫ ޕޯޓްސް ލިމިޓެޑަކީ މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން އަދި އެ ކުންފުނިން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.