English Edition
Dhivehi Edition
އައްޑޫ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނައި އެޗްސީ މެލީނާ/ފޮޓޯ: ހިތަދޫ ޕޯޓް

އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓެޑުން ހަދަންޖެހޭ އެސެސްމެންޓްތައް ނަހަދާ ހުރުމުން އެ ކުންފުނީގެ ހާލަތު ދެނެގަނެ މާލީ މިސްރާބު އަންދާޒާކުރަން އުނދަގޫވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ހިތަދޫ ޕޯޓް ލިމިޓެޑް 2020 ވަނަ އަހަރުގެ މާލީ އޮޑިޓް ދައްކާ ގޮތުން 2009 ވަނަ އަހަރު ކުންފުނި އުފެދުނު ފަހުން 2020 އަހަރާއި ހަމައަށް އެ ކުންފުންޏަށް ފައިދާ އެއްވެފައި ނެތެވެ. އަދި ފާއިތުވި 11 އަހަރު އެ ކުންފުނި ހިންގާފައިވަނީ 85 މިލިއަން ރުފިޔާގެ ގެއްލުމުގައި ކަމަށް މި ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ. މި ގޮތުން އޮޑިޓް ރިޕޯޓްގައި ވާ ގޮތުން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް އެ ކުންފުންޏަށް 6 މިލިއަން ރުފިޔާގެ ގެއްލުން ވެ އެވެ.

މީގެ އިތުރުން އެ ރިޕޯޓްގައިވަނީ އެ ކުންފުނި ގެއްލުމުގައި ހިންގަމުންދާ އިރުވެސް ކުންފުނީގެ މާލިއްޔަތު ރީވެލިއުކޮށް، ކުންފުނީގެ އަގު ދަށްކުރުމަށް ހަދަން ޖެހޭ އެސެސްމެންޓް ހަދާފައިނުވާކަމަށެވެ. އަދި އެ ކުންފުނީގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން މާލީ ކަންކަން ރަނގަޅަށް ނުބަލަހައްޓާ ހުރުމުގެ ސަބަބުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޓެކްސްގެ ގޮތުގައި ދޭންޖެހޭ އަދަދުވެސް ކަށަވަރު ނުވެއެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ މި ހާލަތުގައި ވީ އެންމެ އަވަހަކަށް ކުންފުނީގެ އެފަދަ އެސެސްމެންޓެއް ހެދުމަށް އަންގާފައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގާ ހިތަދޫ ރީޖަނަލް ޕޯޓް ދެކުނުގެ މައި ހަބެއްގެ ގޮތުގައި ހިދުމަތް ދޭން ފެށީ 2009 ވަނަ އަހަރުގައެވެ.