English Edition
Dhivehi Edition

އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯހުގެ ފުރަތަމަ ބުރު ގދ. ތިނަދޫގައި ފަށައިފިއެވެ.

މި ކޯހަކީ ސައުތު ރީޖަންގެ އެދުމުގެ މަތިން ފޮރެންސިކް ސަރވިސްއާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އިތުރުން ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށްގެންދާ ކޯހެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ހިދުމަތް ފުޅާކޮށް ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް ތަރައްގީކުރުމާއި ކަމާގުޅޭ ތަމްރީނު ލިބިފައިވާ، ކަމަށް ގާބިލު މުވައްޒަފުން އުފެއްދުމުގެ މަގުސަދުގައި އަތޮޅު ތެރޭގައި ކުރިއަށް ގެންދާ މި ކޯހަކީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯހުގައި ސޯކޯ ހިދުމަތް އަވަސް ފުރުސަތެއްގައި ލިބުމާއި، މާއްދީ ހެކި އޭގެ އެންމެ ރަނގަޅު ވަގުތުގައި ނަގައި ތާޒާކަމާއެކު ލެބޯޓްރީ އާއި ހަމައަށް ފޮނުވާއިރު، ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭ މުހިންމު މައުލޫމާތު ހިއްސާކުރެވޭނެއެވެ.

އަދި ފޮރެންސިކްގެ މައިގަނޑު އުސޫލުތަކާއި، ކުށުގެ ވެށި ތަހުގީގުކުރުމުގައި ވިސްނަން ޖެހޭ ކަންތައްތަކާއި، އަމިއްލަ ރައްކާތެރިކަމާއި، ކުށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި، ސީންތަކުގެ “ކޮންޓެމިނޭޝަން” ގެ މައްސަލަތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ކޯހުގެ ބައިވެރިންނަށް އުގަންނައި ދެވޭނެއެވެ.

މީގެއިތުރުން، މި ކޯހުގައި ފިޒިކަލް އެވިޑެންސާއި ޑްރަގް އެންޑް ކެމިކަލާއި ޑިޖިޓަލް އެވިޑެންސްގެ އިތުރުން ޓްރޭސް އެވިޑެންސް އާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ.

މި ކޯހުގައި ބ، ވ، ފ، ގއ. އަދި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެއެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ ފޮރެންސިކް ސަރވިސްގެ ކްރައިމް ސީން ސްޕެޝަލިސްޓުންނެވެ.