English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ތިނަދޫ ސިޓީ ހަގީގީ މާނާގައި ތަރައްގީ ކުރާނެކަމަށާ އެ ސިޓީއަކީ މި ސަރުކާރުގެ ތަރައްގީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ ތަރައްގީގެ އެއް ނާރެސް ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ތިނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ތިނަދޫގެ ރައްޔިތުން ކުރެއްވި އިތުބާރާއި، ދެއްވި ބޮޑު ތަރުހީބަށް ޝުކުރު އަދާކުރައްވާފައެވެ. ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ މި ސަރުކާރުން ތިނަދޫ ސިޓީ ހަގީގީ މާނާގައި ތަރައްގީ ކުރާނެ ގޮތްތައް ހާމަކުރައްވާފައެވެ.

ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި ރޭ ސޮއިކުރެއްވިގެންދިޔަ ފަހުމުނާމާގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ނަދޫ ސިޓީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ފެންވަރަށް ތަރައްޤީކުރާނެ ވައިގެ ބަނދަރެއްކަމުގައި ވެގެން ދާނެކަމަށެވެ. އަދި މި ވައިގެ ބަނދަރަކީ ފެންމަތީގައި ހަދާ ތަނެއްކަމަށާއި، ތިމާވެއްޓާ ރަށްޓެހި ވައިގެ ބަނދަރަކަށް އެތަން ވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ފްލައިންގ ސްކޫލަކާއި، 12 ރިސޯޓް ތަރައްގީވެގެން ދިއުމުން ރައްޔިތުންނަށް ވަޒީފާ ލިބި މުޅި ސަރަހައްދު ކުރިއަރާނެކަމުގައެވެ. އަދި ހަމަ އެއާއެކު މި މަޝްރޫޢު ގިނަވެގެން 2 އަހަރު ތެރޭގައި ނިމިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޝްވަރާގެ އުސޫލުން ވާހަކަދެކެވިގެން ރިވެތި އުސޫލުން ކަންކަން ކުރެއްވުމަށް ބާރުއަޅުއްވަމުން ރައީސް ވިދާޅުވީ މި ޤައުމަށް އެންމެ ރަނގަޅު ކަންކަން ކޮށްދިނުމުގައި އިސްކުރާނީ ރިވެތި އުސޫލުކަމަށެވެ. ” އެ އޮންނަ ރީތި ހަމަ އާއި އިންސާފު، އެގޮތުގެ މަތިން ކުރިއަށްދިޔައިމަ އޭގެ ހެޔޮ ނަތީޖާ ނުކުންނާނެ”. ރައީސް ވިދާޅުވިއެވެ،

މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެ މުހިންމީ ރައްޔިތުން އެދޭ ކަންކަން ކުރެވިގެން ދިއުންކަމުގައި ފާހަގަކުރައްވައި، ވަކި މީހެއްގެ ވިސްނުންހުރި ގޮތެއް ނުބަލައި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ އުސޫލުން ކަންތައްތައް ކޮށްދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމުގައެވެ. އަދި އެކަމުން ގައުމަށް ހަމަޖެހުން ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިޔާސީ ވިސްނުމެއްގައި ބޭއިންސާފުން މީހުންނާމެދު ކަންތައްތައް ކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ. އަދި މި ސަރުކާރު އައީ ޤައުމަށް ހަމަޖެހުން ގެންނަންކަމުގައި ވިދާޅުވެ، އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށާއި، ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްތިޞާދު ތަރައްޤީކުރުމަށް މި ސަރުކާރުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައްވެސް ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕުކުރުމުންނާއި، އާމްދަނީ ލިބޭނެ ގޮތްތައް ނުހޯދައި ޚަރަދުތައް އިތުރުކުރުމުންނާއި، ޖަމާކުރެވިފައި ހުރި ޑޮލަރު މާރުކުރުމުންނާއި އަދި މިފަދަ އެތައް ސަބަބުތަކަކާ ހުރެ ދިވެހިރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓެން މެދުވެރިވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަމާ އެކުވެސް މި ސަރުކާރުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ..