ގދ. ތިނަދޫގައި ތިން ބާވަތެއްގެ ދޫނި ހިފުން އެ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ތިނަދޫގައި ދޫނިތައް ހިމާޔަތް ކުރުމަށާއި ރައްކާތެރި ކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގެ ދަށުންނެވެ.
ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހިފުން މަނާކުރި ތިން ބާވަތުގެ ދޫނިތަކަކީ ސްޕެރޯ ފެމެލީ ދޫންޏާއި މައިނަ ނުވަތަ މޭނާ ބާޑް ފެމެލީ ދޫނީގެ އިތުރުން މެންޑަރިން އަސްދޫނީގެ ފެމެލީ ބާވަތުގެ ދޫނި ކަމަށެވެ.
ތިިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީ ވިދާޅުވީ، ތިނަދޫއަކީ ތަފާތު އެކި ވައްތަރުގެ ދޫނިތައް އާލާވަމުން އަންނަ ތަނެއް ކަމުން އެތަކެތި ގެންގުޅޭ ފަރާތްތަކުން ތިނަދޫއަކީ ތަފާތު އެކި ވައްތަރުގެ ދޫނިތައް ރައްކާތެރިކަމާއި އެކީ ދިރިއުޅެމުން އަންނަ، ރައްޔިތުންނަށް ވެސް އުފާވެރިކަން ލިބޭނެ މާހައުލަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަމަވެސް، އެ މަސައްކަތުގެ ތެރެއިން ދޫނިތައް ހިމާޔަތް ކުރުމުގެ މަޤްޞަދުގައި އެ ދޫނިތައް ދޫކޮށްފައި ވަނިކޮށް، ބައެއް ފަރާތްތަކުން އެ ދޫނިތައް ހިފަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން އަންނާތީ މި ނިންމުން ނިންމުނީ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާކުރުމުން އެފަރާތްތަކަށް ވަގުތުން ވަގުތަށް މާބޮޑު ފިޔަވަޅެއް ނޭޅޭތީވެ، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކައުންސިލުން ފިޔަވަޅު އެޅުމަށް ނިންމީ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މި ދޫނިތައް ހިފައިފިނަމަ، އެފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް މޭޔަރު ދެއްވިއެވެ.
ތިނަދޫގައި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފުމަކީ މިހާރު ގާނޫނީ ގޮތުން މަނާކަމެއް ކަމަށާއި، އެފަދަ ޢަމަލެއް ހިންގައިފިނަމަ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާއެކު، މި ފިޔަވަޅަކީ ދޫނިތަކުގެ ނަސްލު ރައްކާތެރިކޮށް، ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ކައުންސިލުން އަޅާފައިވާ މުހިއްމު ފިޔަވަޅެއް ކަމުގައި ތިނަދޫގެ ގިނަ ރައްޔިތުން ދެކެއެވެ.