ދިވެހި ރައްޔިތަކަށް، ހަނގުރާމަވެރި ސަރަހައްދެއްގައި، އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްޓްރީކޮށްދޭނެ އުސޫލު އާންމުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ރޭ ގެޒެޓްކުރި އުސޫލުގައިވާ ގޮތުން ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިންނަށް އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްޓްރީކުރުމާއި، އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމާ ގުޅޭ ހުރިހާ އިޖުރާއަތްތަކެއް ބަޔާންކޮށްފައިވެއެވެ،
މި ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދި އުސޫލުގައިވާ ގޮތުން، ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވާ ކުދިންނަށް ދިވެހި ރައްޔިތުކަން ދީ ރަޖިސްޓްރީކޮށްދެވޭނީ އެއީ ދިވެއްސަކަށް އުފަންވި ދަރިއެއްކަމާއި މެދު ކޯޓުން ގޮތެއް ކަނޑައެޅުމަށް ފަހުގަ އެވެ.
ކުދިން ރަޖިސްޓްރީކުރުމަށް ކޯޓަށް ހުށަހެޅުމުން ކޯޓުން ނިންމާ ނިންމުން ލިބޭތާ ހަތަރު ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ މެދުވެރިކޮށް ކަނޑައަޅާ ފަރާތުން ކުއްޖާ ރަޖިސްޓްރީ ކުރުމަށާއި އުފަން ދުވަހުގެ ސެޓުފިކެޓު ހެދުމަށް ކުއްޖާގެ ބައްޕަ ނުވަތަ މަންމަގެ ރަށު ކައުންސިލަށް ފޯމު ހުށަހަޅަން ޖެހެއެވެ. އަދި އެ ފޯމު ހުށަހަޅާއިރު ކޯޓުން ނިންމި ގޮތުގެ ރިޕޯޓު ވެސް ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ. ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ނަމަ، ކޯޓު ނިންމުމުގެ މައްޗަށް ބިނާކޮށް އެ ކުއްޖާގެ އުފަންވުން އެ ރަށެއްގައި ރަޖިސްޓްރީކޮށްދޭން ޖެހޭނެ އެވެ.
ކުއްޖާ ރަށުގައި ރަޖިސްޓްރީކުރުމަށް ފަހު ކައުންސިލުން ބަލަހައްޓާ އުފަންވުމުގެ ރަޖިސްޓްރީގައި އެ ކުއްޖެއްގެ އުފަންވުމާ ގުޅޭ މައުލޫމާތު ހިމެނުމާ އެކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް މައުލޫމާތު ދިނުމަށް “ގެމެން ޕޯޓަލް” މެދުވެރިކޮށް އެ މައުލޫމާތު ހުށަހަޅަން ޖެހެ އެވެ.
މީގެ އިތުރުން އުފަންދުވަހުގެ ސެޓުފިކެޓުގައި ޖެހުމަށް އެ ކުއްޖެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހޯދުމަށް ކައުންސިލުން އެދެން ޖެހެނީ ވެސް ގެމެން ޕޯޓަލް މެދުވެރިކޮށެވެ.