English Edition
Dhivehi Edition

އެމެރިކާއިގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އަވަހާރަކޮށްލާފައިވާ އީރާން އަސްކަރިއްޔާގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ، މޭޖާ ޖެނެރަލް ސުލެއިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން އެމެރިކާ ތަންތަނަށް ހަމަލާ ދޭން ފަށައިފިއެވެ.

“ޝަހީދު ސުލެއިމާނީ”ގެ ނަމުގައި އިރާނުން ފަށާފައިވާ އޮޕަރޭޝަންގައި އެ ގައުމުން އެންމެ ފުރަތަމަ ހަމަލާދީފައި ވަނީ، އިރާގުގައި ހުރި އައިން-އަލް އަސަދު އަސްކަރީ މަރުކަޒަށެވެ. އެމެރިކާއާއި އިރާގު ސިފައިން ގާއިމްވެ ތިބޭ މަރުކަށް އިރާނުން ހަމަލާދީފައިވަނީ ރޭ ދަންވަރުގެ ވަހުތެއްގައެވެ. ސުލައިމަނީގެ މަރުގެ ބަދަލު ހިތިކގޮތަކަށް ހިފާނެ ކަމަށް އިރާނުން ބުނެފައިވާއިރު އިރާނުން ފޮނުވާލި ދެވަނަ ހަމަލާ އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒު އާބިލް އަށެވެ.

އިރާނުގެ ދައުލަތުގެ ޓީވީން ބުނީ އައިން-އަލް އަސަދު އަސްކަރީ މަރުކަޒަށް އެކަނިވެސް 10 މިސައިލް ފޮނުވާފައިވާކަމަށާއި މިހާރު އެމެރިކާގެ އިތުރު މަރުކަޒުތަކަށްވެސް އިރާނުން ހަމަލާދެމެންދާ ކަމަށެވެ. މި ހަމަލާތަކާއި ގުޅިގެން ޓްރަމްޕް އިސްވެ ހުރެގެން އެމެރިކާގެ ސަލާމަތާއި ބެހޭ ކުއްލި ބައްދަލުވުމެއް ފަށާފައި ވާއިރު، އެމެރިކާ އިން އަންނަނީ އެ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް ބަލަމުންނެވެ.މި ހަމަލާތަކުގެ ބަދަލުގައި އަދި އެމެރިކާއިން ރައްދު ދީފައިނުވާއިރު އިރާނުންވަނީ އެމެރިކާއަށް ރައްދުގައި ހަމަލާތައް ނުދިނުމަށްވެސް އިންޒާރުކޮށްފައެވެ.

މީގެ ކުރިން އެމެރިކާއިން ރާއްޖެ ކައިރީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާޝިއާ އަށް އެ ގައުމުގެ ހަ ބޮންއަޅާ އަސްކަރީ މަތިންދާ ބޯޓު ފޮނުވާފައިވާއިރު އެގައުމުގެ އަސްކަރިއްޔާ އިން ބުނީ މިއީ އިރާނާއި ދެކޮޅަށް ކުއްލި ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްކަމަށެވެ.

ސުލެއިމާނީ ފަސްދާނުލުމުގެ ކަންކަން ނިމުމާއި އެކު އީރާނުން ބަދަލުހިފުމުގެ ހަމަލާތައް ފަށާފައިވާއިރު މިހާރު މި ދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. މި ގޮތުން މެދުއިރުމަތީގެ ގިނަ ގައުމުތަކުންވަނީ ސުލްހަވެރިކަން އިސްކޮށް ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ގޮވާލާފައެވެ.