English Edition
Dhivehi Edition
ސީރިއާގެ ކޭމްޕެއް

ސީރިއާގެ އަލް ހައުލު ކޭމްޕުގައި ހާލުގައި ޖެހިފައިތިބި ކަމަށް ބުނާ ދިވެހިކުދިންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ރޭންފެށިގެން ދައުރު ވަމުން އެބަދެއެވެ.

ޓުވިޓަރުގައި މަޝްހޫރު “އެލެކްސް އަހުމަދު” ހާމަ ކޮށްފައިވާ ލިސްޓްގައި ވަނީ ޢުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި ގިނަކުދިންގެ މައިން ބަފައިން މަރުވެފައިވާ ކަމަށާއި، އެ ކުދިންނާއި ބެހޭ މަޢުލޫމާތެއް އެއްވެސް ގޮތަކަށް ނޭގޭ ކުދިންވެސް މިލިސްޓްގައި ވެއެވެ.

މިގޮތުން 33 ކުއްޖެއްގެ މައުލޫމާތު އާންމުކޮށްފައިވާއިރު، 10 ކުއްޖަކު އުފަންވީ ސީރިއާގައި ކަަމަށް އެ ލިސްޓުގައި ބުނެފައިވެއެވެ. އޭގެތެރެއިން ތިން ކުއްޖެއްގެ މަންމާއާއި ބައްޕަ މަރުވެ ޔަތީމް ވެފައިވާކަމަށް އެ ލިސްޓުގައި ބުނެފައިވެއެވެ. ބައެއް ކުދިންގެ މައުލޫމާތު ފުރިހަމައަށް ލިބިފައި ނެތްކަން މިލިސްޓުން ހާމަވެއެވެ.

އޭއޯ ނިއުސް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަންމަ އަށް ސިއްރުން، ދަރިފުޅުގެ ބައްޕަ ، ސީރިޔާއަށް ގެންދިޔަ އައްޑޫ ސިޓީ ހިތަދޫ ކުއްޖެއްގެ ނަންވެސް މިލިސްޓްގައި އެބައޮތެވެ. މިހާރު މިކުއްޖާގެ ބައްޕަވަނީ މަރުވެފައެވެ.

ސީރިޔާގެ ހަނގުރާމައަށް ދިވެހިންގެ 350 އެއްހާ މީހުންނަށް ވުރެން ގިނައިން ގޮސްފައިވާނެ ކަމަށް މިލިސްޓާ އެކު އެލްކްސް އަހްމަދު ޓްވީޓް ކޮށްފައިވެއެވެ. މި ލިސްޓް ލީކް ކޮށްލި ޓުވިޓަރ އެކައުންޓަކީ ރައީސް ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކައުންޓެއްކަމަށް ބެލެވޭކަމަށް ރާއްޖެ ޓީވީން ވަނީ “މަގޭ ރިޕޯޓެއްގައި” މީގެ ކުރިން ބުނެފައިވެއެވެ.