English Edition
Dhivehi Edition
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ޑރ.ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ --

އަދާލަތު ޕާޓީއަކީ ކުޑަ އަގެއްގައި ދީން ވިއްކާލި ބައެއްގެ ގޮތުގައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސިފަކުރައްވައިފިއެވެ.

‘ސަން’ އަށް ދިން އިންޓަވިއުއެއްގައި ޑރ.ޖަމީލު ވިދާޅުވީ ދީނަށް ލޯބިކުރާ ބަޔަކު މި ސަރުކާރަށް އެހީތެރި ނުވާނެ ކަމަށެވެ.

ދީނީ ގޮތުން މިއިން ޒަމާނަކު ކަންބޮޑުވާން ނުޖެހޭ އެތައް ކަމެއް މިހާރު ތަކުރާރުވަމުންދާކަން ފާހަގަކުރައްވަމުން ޑރ.ޖަމީލު ވިދާޅުވީ ކުއްލިއަކަށް މިސްކިތްތަކަށާއި މުސްހަފުތަކަށް ގެއްލުން ދިނުން އިތުރުވެފައިވާކަމަށާއި މިސްކިތްތަކަކީ މަސްތުވާތަކެތި ބޭނުންކުރާ ތަނަކަށްވެފައިވާ ކަމަށެވެ. އިތުރަށް ޖަމީލް ވިދާޅުވީ ކީރިތި ގުރުއާނާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނައިން ކުރަމުން އަންނަ ކަމެއްކަމަށެވެ. އަދި ޕާކިސްތާނުފަދަ ގައުމުތަކުގައި އެކަން ބޮޑުވެގެން އެކަމަށް މަރުގެ އަދަބު ކަނޑައަޅައިފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ރާއްޖޭގައި ގުރުއާން ކިޔަވައިނުދޭން ވެގެން ވެސް ސަރުކާރުން އެކިކަހަލަ އުކުޅުތައް ބޭނުންކުރަމުން ދާ ކަމަށް ތުހުމަތު ކުރައްވަމުން ޖަމީލު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔަން އުނދަގޫކަމަށް ވިދާޅުވިކަމަށެވެ، އެމްޑީޕީގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ދީނަށް ފުރައްސާރަ ކުރުމަކީ އިއްތިފާގެއް ނޫންކަން ފާހަގަކުރައްވަމުން ޖަމީލު ވިދާޅުވީ ތުނބުޅި އާއި މޫނު ބުރުގާއާ ގުޅިގެން ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް މެނިފެސްޓޯގައި އޮތް ނަމަވެސް މިއަދު މަންޒަރު ތަފާތު ކަމަށެވެ.

ސަރުކާރުގެ މި ސިޔާސަތުތަކަކީ ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އައިޑެންޓިޓީ ދުއްވައިލުމުގެ މަގުސަދުގައި ކުރާ ކަމެއްކަމުގައި ޖަމީލު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޖަމީލު ވިދާޅުވީ ރާއްޖެއަކީ މުސްލިމު ގައުމެއް ކަމަށާއި ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާ އިރު މިފަދަ ކަންތައްތައް ނުހުއްޓުވެނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.