English Edition
Dhivehi Edition

ޔޫއޭއީ އާ ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އެކުވެރި ޢަރަބި އިމާރާތުން (ޔޫ.އޭ.އީ) ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

އިންތިޚާބީ ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި، މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޔޫ.އޭ.އީ އާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މި ގުޅުމުގެ ތެރެއިން، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަން ވެސް ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން ޔޫ.އޭ.އީގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވަމުންގެންދަވާ ފަސޭހަތަކަށްޓަކައި ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް ވަނީ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ، އެ ގައުމާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އަރަބި އިސްލާމީ ގައުމުތަކާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ.