ވަކި ބައެއްގެ ނުފޫޒާއި ބާރު ސަރުކާރުގެ މައްޗަށް އޮވެގެން ކުރާ ވެރިކަމެއް ނުކުރައްވާނެ ކަމަށާއި ވެރިކަމުގައި ހިނގާނީ ރައްޔިތުންގެ ބާރު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ކުރައްވާނީ ރައްޔިތުން ދެއްވި މަޤާމުގައި ރައްޔިތުން އެދޭ ގޮތަށް ވަކި ބައެއްގެ ނުފޫޒެއްނެތި ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
“އަޅުގަނޑަކީ ރައްޔިތުންގެ ޚާދިމެއް. އެހެން ވީމާ ރައްޔިތުން އަތުގަ ބާރު އޮތީ. ރައްޔިތުން އަތުގައި އޮތީ އަޅުގަނޑާއިމެދު ގޮތް ނިންމުމުގެ ބާރު. އެނޫން ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން.” މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިސަރުކާރުގެ މައްޗަށް އެހެން ބައެއްގެ ބާރު އޮތް ނަމަވެސް ދެން އުފެދޭ ވެރިކަމުގައި އެއްވެސް ބައެއްގެ ބާރެއް ނުފޫޒެއް ނެތްކަން ކަށަވަރުވާނެ ވެރިކަމެއް ޤާއިމް ކޮށް ދެއްވާނެކަމަށެވެ.
ޕީއެންސީގެ ވެރިކަމެއްގައި އެކުލަވާލައްވާނެ ކެބިނެޓާއި ގުޅޭގޮތުން ވިދާޅުވީ ވެރިކަމަށް ވަޑައިގެން އުކުލަވާ ކެބިނެޓް ވާނީ އެމަނިކުފާނަށް ފުރިހަމަ އިިތުރުބާރު އޮތް ކެބިނެޓަކަށް ކަމަށާއި ކެބިނެޓަށް އައްޔަން ކުރައްވާ ބޭފުޅުން ވާނީ ވަރަށް ނަޒާހަތްތެރި އަދި ޚިދުމުގައި 24 ގަޑިއިރު ތިބެވޭ ވަރުގެ ބަޔަކަށް ކަމަށެވެ.
އެ ރަސްމިއްޔާތުގައި މުއިއްޒު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި މުސްތަގުބަލު އުޖާލާ ކުރުމަށާއި ދަރިންގެ ހައްގުގައި މިނިވަންކަން ޔަގީން ކުރުމަށްޓަކައި ރައްޔިތުން ކުރެއްވި ގައުމި މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.
ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޑރ. މުއިއްޒު، ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވަން ނިންމަވާފައިވާއިރު، ޓްރާސްސިޝަނަލް ކަންކަމަށް އުފައްދާފައިވާ ކޮމެޓީގެ ޗެއަރ އަކީ އަބްދުއްރަހީމެވެ. ސަރުކާރުން ވަނީ ސަރުކާރު ބަދަލުވުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.