English Edition
Dhivehi Edition

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

އެ މައްސަލަައިގާ މަހްލޫފްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފެށުމުގެ ގޮތުން މިއަދު ބާއްވަން ތާވަލުކުރި ފުރަތަމަ އަޑުއެހުން ކެންސަލް ކުރީ އިދާރީ ސަބަބަކާ ހެދި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މަހުލޫފަށް ދައުވާ ކޮށްފައިވަނީ މޯލްޑިވްސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ފުލުހުންނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން، މަހްލޫފަށް ފައިސާ ދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ، ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލާފައިވާ އިރު، ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފްގެ މައްޗަށް ދައުވާކުރީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހްލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.

އެ މައްސަލައިގާ މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އޭސީސީން ބުނެފައިވަނީ އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށް ކަމަށެވެ.