ގދ އަތޮޅުގެ ޒުވާނުން ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން، ޔޫތް މިނިސްޓަރ މަހުލޫފް އާ ބައްދަލުކޮށްފިއެވެ.
މެމްބަރު ފިރުޝާން ވިދާޅުވި ގޮތުގައި ޔޫތް މިނިސްޓަރ މަޙްލޫފްއާއި ބައްދަލުކޮށް މައިގަނޑުކޮށް ދެކެވުނު ވާހަކަ އަކީ މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ ޒުވާނުންނަށް ޖެހިފައިވާ ގޮންޖެހުން ތަކުގެ ވާހަކަތައް ކަމުގައެވެ. އެގޮތުން ތިންރަށުގައިވެސް ޒުވާނުންގެ ކުރިއެރުވުމަށް ޓަކައި އެކިކަހަލަ ކުޅިވަރުތައް އަންހެން؛ ފިރިހެން ހަމަހަމަ އުސޫލަކުން ކުޅެވޭނެ ގޮތަކާއި ޒުވާނުން ބާރުވެރި ކުރުވުމުގެ ޕްރޮގްރާމްތަށް ހިންގުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައި ފިރުޝާން ވިދާޅުވިއެވެ.
މީގެ އިތުރުން ޖަމިއްޔާތައް ބާރުވެރި ކުރުވޭނެ ގޮތް ތަކާއި މެދު މަޝްވަރާ ކުރެވުނު ކަމުގައިވެސް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވިއެވެ. ޔޫތް މިނިސްޓަރ މަޙްލޫފްގެ ފަރާތުން މަޝްވަރާ ކުރެވުނު ކަންތައްތަކަށް ލިބުނީ އުންމީދުން ފުރިފައިވާ ޖަވާބު ތަކެއް ކަމަށާއި މަޝްވަރާ ކުރެވުނު ކަންތައްތަކަށް ޔޫތް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ދެއްވާނެ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވި ކަމަށް ފިރުޝާން ވިދާޅުވިއެވެ.
މެމްބަރު ފިރުޝާން ވަނީ މި ނޮވެމްބަރު މަހުގެ ކުރީކޮޅު ހޯނޑެއްދޫގެ ޒުވާނުންނާވެސް ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކަންތައްތައްތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ހަމައަށް ފޯރުކޮށްދީ އަދި އެކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަވާނެ ކަމަށް ވިދާޅުވެފައެވެ.