English Edition
Dhivehi Edition
ވިލިނގިލީ ފުޓްސަލް ދަނޑުގައި އަޅާފައިވާ ތަޅުންގަނޑު ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ އޭއޯ ނިއުސް

ގއ. ވިލިނގިލީ ފުޓްސެލް ދަނޑުގައި އަޅާފައިވާ ކޮންކްރިޓް ތަޅުންގަނޑު ނެގުމުގެ މަސައްކަތް ވިލިނގިލީ ކައުންސިލުން ފަށައިފިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ފުއާދު އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ ފުޓްސަލް ދަނޑުގައި އަޅާފައިވާ ތަޅުންގަނޑު ނަގާ ސަބަބަކީ އެތަނުގައި އަޅާފައިވާ މެޓްތަކުގައި ރޯކޮށްލުމުން ދަނޑުގައި މިވަގުތު ކުޅެވޭނެ ގޮތެއް ނެތުމުން އެކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.

“އަޅުގަނޑުމެން ރަށުގެ ޒުވާނުންނާއި އަދި ކައުންސިލާއި ވިލިނގިލީ ޕޮލިސް އާއެކު ބައްދަލުވުމެއް ބާއްވައި ކުރެވުނު މަޝްވަރާއިން ނިމުނީ ދަނޑުގައި ޓާފް އެޅެންދެން މިވަގުތަށް ފުޓްސެލް ދަނޑުގައި ކުޅެވެން އޮތީ ވެލި ބިމަކަށް ބަދަލުކޮށްގެން ކަމަށް . އެހެންވެ އެތަނުގައި އަޅާފައިވާ ތަޅުންގަނޑު މި ނަގަނީ” ފުއާދު ވިދާޅުވިއެވެ.

ވިލިނގިލީގައި ފުޓްބޯޅަ ކުޅުމަށް އޮންނަ ހަމައެކަނި ދަނޑުކަމަށްވާ ފުޓްސަލް ދަނޑުގައި އަޅާފައިވާ މެޓްތަކުގައި މިދިޔަ ހޯމަ ދުވަހު، ބަޔަކު ވަނީ ރޯކޮށްލާފައެވެ. އެ ދަނޑަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފުރަތަމަ އެޅި ފުޓްސެލް މެޓު ދަނޑުގެ ތެރެއިން ދަނޑެކެވެ. ފުޓްސެލް ދަނޑުގައި ބަޔަކު އަލިފާން ރޯކޮށްލީ އެ ދަނޑުގައި އަޅާފައި އޮތް މެޓުގެ ބަދަލުގައި ޓާފް އަޅައި ނުދީގެން ޔޫތް މިނިސްޓްރީ އާއި ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުންކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ޔޫތް މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިނގިލީގައި ބޭނުން ކުރަމުން އައި ފުޓްސެލް ދަނޑުގެ ބަދަލުގައި ބޮޑު ފުޓުބޯޅަ ދަނޑެއް އަޅަން ނިންމައި އެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. މަސައްކަތް ނުނިމި ލަސްވަނީ ކޯވިޑް-19 އާއި ގުޅިގެންނާއި ސަބް ބޭސް ރަނގަޅު ކުރަން ޖެހުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާ ދަނޑެއް އެޅުމުގެ މަސައްކަތް ކުރިޔަށް ދާތީ ފުޓްސެލް ދަނޑުގައި ޓާފު ނާޅާނެ ކަން އެ ރަށު ކައުންސިލަށް މީގެ ކުރިން އަންގާފައިވާނެ ކަމަށެވެ. އެގޮތަށް ނިންމީ ފުޓްސެލް ދަނޑު ނެތް ރަށްރަށުގައި އެ މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރަށް މިނިސްޓަރު ވަނީ ފުޓްސެލް ދަނޑުގައި ބަޔަކު ރޯކޮށްލައި ގެއްލުން ދިނަސް އެ ދަނޑުގައި ޓާފް ނާޅާނެ ކަމަށް ވިދާޅުވެފައެވެ.